މި ސަރުކާރުން އުފެއްދި މޯލްޑިވްސް ޒަކާތު ހައުސް އަންނަ މަހުގެ 2 ގައި ރަސްމީކޮށް ލޯންޗްކުރަން ނިންމައިފި އެވެ.
މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވީ މި މަހުގެ 18 ގަ އެވެ. މިއީ އިސްލާމިކް މިނިސްޓްރީގެ ދަށުން ހިނގާނެ ތަނެކެވެ.
ޒަކާތު ހައުސްގެ މައިގަނޑު މަގުސަދަކީރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތު ފަންޑު ތަރައްގީ ކުރުމުގެ މަސައްކަތްކުރުމުވެ.
މޯލްޑިވްސް ޒަކާތު ހައުސް އަށް ދިވެހިބަހުން ބޭނުން ކުރަން ހަމަޖައްސަވާފައިވާ ނަމަކީ "ދިވެހިރާއްޖޭގެ ޒަކާތު ހައުސް" އެވެ.
މިތަނުގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތް ޙައްޤުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެ އެވެ. އަދި ކޮންމެ ހަ މަހަކުން އެއް ފަހަރު މުދަލު ޒަކާތުގެ ނިޞާބު އިޢުލާނުކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.