Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

އުރީދޫގެ ކަލަންޑަރުގައި ރާއްޖޭގެ އުތުރުން ދެކުނަށް ދުވާ ގޭމެއް

އަންނަ އަހަރަށް އުރީދޫ އިން ތައްޔާރުކުރި ކަލަންޑަރު ލޯންޗުކޮށްފި އެވެ.

މި ކަލަންޑަރު ލޯންޗު ކޮށްދެއްވީ މިއަދު އުރީދޫ ހެޑްކުއާޓާސް ގައި ބޭއްވި ހަފްލާއެއްގައި ދިވެހި ބަހާއި ތާރިހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް އެވެ.

މިފަހަރު މިއިފްތިތާހު ކުރެވުނު ކަލަންޑަރާއެކު"އަތޮޅު ދުވުން" ގޭމު ވަނީ ތައާރަފުކޮށްފަ އެވެ. މިއީ ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ރާއްޖޭގައި ތައްޔާރުކުރެވިފައިވާ ފުރަތަމަ އެންޑްލަސް ރަނާ ޖޯންރާގެ ގޭމެކެވެ.

އުރީދޫގެ އެންމެ ފުރަތަމަ އިސްތިހާރު ކަމަށްވާ، "ހަސަނަށް ފޯނެއް"ގެ ދަތުރުގައި މިފަހަރު ރާއީ ދުވެފައި މިދަނީ ރާއްޖޭގެ އުތުރުން ދެކުނަށް ކަމަށްވާއިރު، ކޮންމެ މަހަކު ރާއްޖޭގެ އެއް ރަށް ނުވަތަ ލެވަލެއް އަންލޮކް ވެގެންދެ އެވެ.

މިނިސްޓަރު އާދަމް ނަސީރު ވިދާޅުވީ އުރީދޫ އަކީ ދިވެހިން އަދި ދިވެހި ބަސް ކުރިއެރުވުމަށްޓަކައި ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެއް ކަމަށެވެ. އަދި ދިވެހި ބަހުން އެންމެ ފުރަތަމަ ފަހަރަށް ވައިބާ ސްޓިކާ ތައްޔާރުކޮށް، އުރީދޫގެ ހާއްސަ ރަސްމީ ފޮންޓެއް ވެސް ތައްޔާރު ކޮއްފައިވާކަން ފާހަގަކުރެއްވި އެވެ. އުރީދޫ އިން މިއަދު ތައާރަފްކުރީ ދިވެހިވަންތަ ގޮތަކަށް ދިވެހި ޒުވާނުން ފަރުމާކޮށް އުފައްދާފައިވާ ކަލަންޑަރެއް އަދި ގޭމެއް ކަމުގައިވެސް ވިދާޅުވި އެވެ.

"މުނިފޫހިފިލުވުމުގެ މިފަދަ ގޭމްތަކުންވެސް އެކަކު އަނެކަކާ އޮންނަ ގުޅުނަ ބަދަހިވެ، މި ގޭމުގައި ހިމެނިފައިވާ ރަށްތަކުގެ މައުލޫމާތު ބޭރުގެ އިތުރު ފަރާތްތަކަށް ފޯރުކޮށްދިނުމަށް އެހީވެދޭނެ. އެދެނީ ދިވެހިން ކުރިއެރުވުމަށް އަދި ފަންނިއްޔާތު ކުރިއެރުވުމަށް އޫރީދޫ އިން ކުރާ މަސައްކަތުގައި އިތުރު ކުރިއެރުންތައް ލިބުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ހާލިދު އަލް ހަމާދީ ވިދާޅުވީ މިކަލަންޑަރަކީ އަދި ގޭމަކީ ދިވެހިން ކުރިއެރުވުމަށް އަދި އީޖާދީ ޓެކްނޮލޮޖީ ކުރިއެރުވުމަށް އެ ކުންފުނިން ދޭ އަހުމިއްޔަތުކަން ވަރުގަދަ ކުރުމުގެ ހެއްކެއް ކަމަށެވެ.

ހާލިދު ވިދާޅުވީ މި ގޭމަކީ ރާއްޖޭގެ އުތުރުން ދެކުނަށް 12 ރަށުގެ ރީތިކަން ދައްކުވައިދޭ އަދި ހުރިހާ އުމުރު ފުރާއަކަށް އަމާޒުކޮށް ތައްޔާރުކޮށްފައިވާ ގޭމެއް ކަމަށެވެ.

"މިއީ ދިވެހިންގެ ފަރާތުން ދިވެހިންނަށް ތައްޔާރުކޮށް ދިވެހިންގެ ހުނަރުވެރިކަށް ފެނިގެންދާނެ ގޭމެއް. އަޅުގަނޑުމެންގެ 2024ގެ ކަލަންޑަރާއި ގޭމްގެ ސަބަބުން އެކަކު އަނެކަކާ އޮންނަ ގުޅުން ބަދަހިވެ، ގޭމެއްގެ ތެރެއިން ރާއްޖޭގެ ރައްތަށް ބަލާލެވި އިތުރު ރަށްތަކެއްގެ މައުލޫމާތު ފެތުރިގެންދާނެ ކަމަށް އުއްމީދުކުރަން،" ހާލިދު ވިދާޅުވި އެވެ.

މިގޭމުގައި 12 ލެވެލް ހިމެނޭއިރު ކޮންމެ މަހަކު އާލެވެލެއްގައި އާ ރަށަކަށް ދަތުރުކުރެވެ އެވެ. އުރީދޫގެ 2024ގެ ކަލަންޑަރުގައި ސިއްރު އާޓްވޯކް ހިމަނާފައިވާއިރު، މި އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވަލްއެއް ކުޅުމުގެ ފުރުސަތު ލިބިގެންދެ އެވެ.

މިއަހަރުގެ އުރީދޫ ކަލަންޑަރު އަދި ގޭމް ތައްޔާރުކުރައްވާފައިވަނީ ލޫޕްކްރާފްޓްގެ ހުނަރުވެރި ޓިމުންނެވެ.