މިހާރު ކުރަމުން އަންނަ ވިއްސާރައިގައި އައްޑޫ ސިޓީގެ 97 ގެއަކަށް ފެން ވަދެއްޖެ އެވެ.
މޯލްޑިވްސް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ފެން ވަދެފައިވާ ކަމަށް އެންމެ ބޮޑަށް ރިޕޯޓުކޮށްފައިވަނީ ފޭދޫން ކަމަށެވެ. އެގޮތުން ފޭދޫގެ 60 ގެއަކަށް ފެން ވަދެފައިވާ ކަމަށާއި މަރަދޫގެ 13 ގެއެއްގައި ފެންބޮޑުވިއިރު، މަރަދޫފޭދޫގެ 5 ގެއެއްގައި ފެންބޮޑުވެ އެއް ގެއިން ކަރަންޓު ކެނޑިފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެ އެވެ.
ހިތަދޫގެ 9 ގެއެއްގެ ގޯތިތެރޭގައި ފެންބޮޑުވިއިރު ހުޅުދޫގެ 10 ގެއެއްގައި ވެސް ވަނީ ފެންބޮޑުވެފަ އެވެ. ފެން ވަނުމުގެ ހާދިސާތައް ހިނގި ނަމަވެސް އެއްވެސް ގެއަކުން މީހުން ހުސްކޮށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ހާލަތަށް ގޮސްފައި ނުވާ ކަމަށް އެންޑީއެމްއޭ އިން މައުލޫމާތުދެ އެވެ.
އެންޑީއެމްއޭ އިން ވަނީ މި ހާދިސާގައި ލިބުނު ގެއްލުން ވަޒަން ކުރުމުގެ މަސައްކަތް ކުރިއަށް ދާނީ ފެން ހިނދި އާންމު ހާލަތަކަށް ރުޖޫއަވުމުން ކަމަށް ބުނެފަ އެވެ.
ދެކުނަށް މޫސުން ގޯސްވެފައިވާއިރު މެޓް އޮފީހުން ވަނީ މިރޭ 12:30 އާ ހަމައަށް ގއ. އަތޮޅުން ފެށިގެން އައްޑޫއާ ހަމައަށް ޔެލޯ އެލާޓް ނެރެފަ އެވެ. މި ވަގުތުގައި ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށާއި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެ އެވެ.