އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހަތުން އަރައި މެންޗެސްޓާ ސިޓީން 3-1 އިން އެވަޓަން ބަލިކޮށްފި އެވެ.
މި މޮޅާއެކު ސިޓީ އޮތީ 18 މެޗުން ލިބުނު 37 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގަ އެވެ. އެވަޓަން އޮތީ 16 ޕޮއިންޓާ އެކު ލީގުގެ 17 ވަނައިގަ އެވެ.
ރޭގެ މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު މެޗުގެ 29 ވަނަ މިނެޓްގައި އެވަޓަން އަށް ކާމިޔާބުކޮށްދިނީ ޖެކް ހެރިސަން އެވެ. ސިޓީގެ މިޑްފީލްޑަރު ރޮޑްރީ އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި މެކްނީލް ތަނަވަސްކޮށްދިން ފުރުސަތަކުން ހެރިސަން މި ގޯލު ކާމިޔާބު ކުރީ ސިޓީގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.
އެވަޓަން ލީޑުގައި އޮވެ ފުރަތަމަ ހާފު ނިމުނުއިރު ސިޓީން ނަތީޖާ އެއްވަރުކުރީ މެޗުގެ 53 ވަނަ މިނެޓްގައި ފިލް ފޮޑެން ކާމިޔާބު ކުރި ހިތްގައިމު ގޯލުންނެވެ. ފޮޑެން މި ގޯލު ކާމިޔާބު ކުރީ އެވަޓަންގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ. އަދި މެޗުގެ 64 ވަނަ މިނެޓްގައި ސިޓީ އަށް ލިބުނު ޕެނަލްޓީއަކުން ޖޫލިއަން އަލްވަރޭޒް އެޓީމަށް ލީޑު ނަގައިދިންއިރު މި ޕެނަލްޓީ އަކީ އެވަޓަންގެ އޮނާނާގެ އަތުގައި ބޯޅަ ޖެހުމާ ގުޅިގެން ސިޓީ އަށް ލިބުނު ޕެނަލްޓީއެކެވެ.
ސިޓީ އަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދިން ގޯލު މެޗުގެ 86 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބަނާޑޯ ސިލްވާ އެވެ. މިއީ އެވަޓަންގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑަށް ހެދުނު ގޯހަކުން ސިލްވާ ކާމިޔާބު ކުރި ގޯލެކެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޗެލްސީން ވަނީ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލެސްގެ މައްޗަށް 2-1 އިން ކުރި ހޯދާފަ އެވެ. މި މެޗުގެ 13 ވަނަ މިނެޓްގައި މިކައިލޯ މުޑްރިކް ޗެލްސީ އަށް ލީޑު ނަގައިދިން އިރު ފުރަތަމަ ހާފުގެ ފަހު ވަގުތުކޮޅުތެރޭ މައިކަލް އޮލީސޭ ވަނީ ޕެލެސް އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މި މެޗުން ޗެލްސީ މޮޅުވި ގޯލު މެޗުގެ 89 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ނޯނީ މަޑުއޭކޭ އެވެ.
މީގެއިތުރުން ވުލްވްސް އިން ވަނީ ރަށުން ބޭރުގައި ކުޅެ ބްރެންޓްފޯޑް 4-1 އިން ބަލިކޮށްފަ އެވެ. ވުލްވްސް އިން ޖެހި ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ދެކުނު ކޮރެއާ ފޯވާޑް ހްވާން ހީ ޗާން އެވެ. އަނެއް ދެ ގޯލު ވުލްވްސް އަށް ކާމިޔާބުކޮށްދިނީ މާރިއޯ ލެމީނާ އާއި ބެލެގާޑް އެވެ. ބްރެންޓްފޯޑުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ޔުއޯނޭ ވިސާ އެވެ.