Last Updated: June 12, 22:07
Friday, June 12, 2026
ޚަބަރު

ވަޒީރުންނަށް ރުހުން ދޭން ހާއްސަ ޖަލްސާއެއް ބޭއްވިދާނެ

މި ސަރުކާރުގެ މިނިސްޓަރުންނަށް ރުހުން ދޭން މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބޭއްވިދާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިއަށްދާ މި ދައުރުގެ ފަހު ޖަލްސާ އަށް ވެސް މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާކޮށްފައި ނުވާ އިރު، އެކަމާ ގުޅުވައި އަސްލަމް ވިދާޅުވީ ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލަ ދައުރުން ބޭރުން ހާއްސަ ޖަލްސާއެއް ބާއްވައިގެން ނިންމުމުގެ ފުރުސަތު އޮތް ކަމަށެވެ.

މަޖިލީހުގެ ޖަލްސާ ފައްޓަވަމުން އަސްލަމް މިއަދު ވިދާޅުވީ މިނިސްޓަރުންނަށް ރުހުން ދިނުމުގެ މަސައްކަތް އަދިވެސް އޮތީ ނުނިމި ކަމަށެވެ. އެހެންވެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން އެ މައްސަލައިގެ ރިޕޯޓު ނިންމުމަށް ފަހު ދައުރުން ބޭރުން ހާއްސަ ޖަލްސާއެއް ބޭއްވުމަށް އެދިވަޑައިގެންފި ނަމަ އެ މަސައްކަތް ނިންމާނެ ކަމަށް ވިދާޅުވި އެވެ.

ބާވީސް މިނިސްޓަރުން ހިމެނޭ ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހަށް ފޮނުވީ މިދިޔަ މަހުގެ 20 ގަ އެވެ. އަދި އެ މައްސަލަ ކޮމިޓީން ފާސްކުރި ނަމަވެސް ނިޒާމީ މައްސަލައަކާ ހެދި ރިޔާސަތުން އޮތީ އެ މައްސަލަ އަނބުރާ ކޮމިޓީ އަށް ފޮނުވައިފަ އެވެ.

ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުން ނުދީ އެ މައްސަލަ ދަންމަނީ ސަރުކާރަށް ހުރަސް އެޅުމުގެ ގޮތުންނެވެ.