ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރުންނާ ސުވާލު ކުރުމުގެ ގާނޫނު އުވާލަން ހުށަހަޅައިފި އެވެ.
އެ ބިލް މިއަދު ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ސައްލެ) އެވެ. އޭނަ ވިދާޅުވީ އެ ގާނޫނު އުވާލަން ހުށަހެޅުއްވި ސަބަބަކީ އެއީ 2008 ގެ ގާނޫނުއަސާސީ ވުޖޫދަށް އައުމުގެ ކުރިން އެކުލަވައި އަމަލު ކުރަމުން އަންނަ ގާނޫނަކަށް ވާތީ ކަމަށެވެ.
އަދި ގާނޫނުއަސާސީގެ 98 ވަނަ މާއްދާގައި ވަޒީރުންނާއި ސަރުކާރުގެ މަގާމްތަކުގައި ތިބޭ މީހުންނާ ސުވާލު ކުރުމުގައި އަމަލު ކުރާނެ އުސޫލު ބަޔާންކޮށްފައިވާ ކަމަށާއި އެ ބޭފުޅުންނަށް ލިޔުމުން ނުވަތަ އަނގަބަހުން ސުވާލު ކުރުމުގެ ހައްގު ކޮންމެ މެންބަރަކަށް ލިބިދީފައިވާ ކަމަށް ބިލުގައިވެ އެވެ.
ސައްލެ ވިދާޅުވީ ގާނޫނުއަސާސީ ވުޖޫދަށް ގެނައު ފަހު މިނިސްޓަރުންނާ ސުވާލު ކުރުމުގެ ގާނޫނަށް އެއްވެސް އިސްލާހެއް ގެނެސްފައި ނުވާ ކަމަށެވެ. އަދި މަޖިލީހުގެ ގަވައިދުގެ 21 ވަނަ ބާބުގައި ވެސް މިނިސްޓަރުންނާ ސުވާލު ކުރުމުގެ އުސޫލުތައް ބަޔާން ކޮށްފައިވާ ކަމަށް ބިލުގައިވެ އެވެ.
އެހެންވެ ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނުގެ ބޭނުމެއް ނެތް ބުނެފައިވެ އެވެ.
މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީން ވަނީ މިނިސްޓަރުންނާ ސުވާލު ކުރުމާ ގުޅޭ މާއްދާތައް މަޖިލީހުގެ ގަވައިދުން ކުރިން އިސްލާހުކޮށްފަ އެވެ. އެގޮތުން ވަކި މައުޟޫއަކަށް ސުވާލު ކުރުން އުވާލުމާއި ވަޒީރުންނަށް ޖަވާބު ދާރީވާން ލިބޭ މުއްދަތު ވެސް ކުރުކޮށްފައިވެ އެވެ.