Last Updated: July 23, 14:58
Thursday, July 23, 2026
މުނިފޫހިފިލުވުން

އަހާން އަށް 2 ވަނަ ފިލްމެއް

މީގެ ދެ އަހަރު ކުރިން ބޮލީވުޑަށް ތައާރަފުވި އެކްޓަރު ސުނިލް ޝެޓީގެ ދަރިފުޅު އަހާން ޝެޓީ ދެވަނަ ފިލްމަކަށް ސޮއިކޮށްފި އެވެ.

މިކަން އިއުލާންކޮށްފައި ވަނީ މިއަދު ފާހަގަކުރާ އޭނަގެ 27 ވަނަ އުފަން ދުވަހާ ދިމާކޮށް، ޕްރޮޑިއުސަރު ސާޖިދު ނަދުއަދުވާލާ އެވެ. އޭނަ އަކީ އަހާން ބޮލީވުޑަށް ނެރުނު 2021 ގެ "ތަޅަޕް" ގެ ޕްރޮޑިއުސަރު ވެސް މެ އެވެ. އެ ފިލްމުގެ ފަހުން އަހާން މިހާތަނަށް އެއްވެސް ފިލްމަކަށް ސޮއިކުރިކަން ކަށަވަރުކޮށް ދީފައި ނުވާ އިރު، ދާދި ފަހުން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 1997 ގެ ކާމިޔާބު ހަނގުރާމަ ފިލްމު، "ބޯޑާ" ގެ ސީކްއެލްގެ ކާސްޓްގައި އަހާން ހިމެނެ އެވެ.

އެކަމަކު އެކަން މިހާތަނަށް ކަށަވަރުކޮށް ދީފައެއް ނުވެ އެވެ. ޖޭޕީ ދައްތާ ޑައިރެކްޓްކުރި "ބޯޑާ" އަކީ އަހާންގެ ބައްޕަ ސުނިލް ވެސް މުހިއްމު ރޯލެއް ކުޅުނު ފިލްމެކެވެ.

އަހާންގެ ދެވަނަ ފިލްމަކީ ސާޖިދު ޕްރޮޑިއުސްކުރާ ފިލްމެއްކަން ކަށަވަރުކޮށް ދެމުން މިއަދު ބުނީ ފެށޭ އާ އަހަރާ އެކީ އެ ފިލްމު ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ. އަދި އެއީ ބޮޑު ބަޖެޓަކުން، ވަރަށް ގްރޭންޑްކޮށް ހަދަން ހަމަޖެހިފައިވާ ފިލްމެއް ކަމަށް ބުންޏެވެ.

"އެ ފިލްމަކީ ކޮބައިކަން އަންނަ މަހު ހާމަކުރަން ކެތްމަދުވެފައި މިހާރު މި ތިބީ." ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ޕްރޮޑިއުސަރު ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަންނަ އަހަރު އަހާންގެ އިތުރު ދެ ފިލްމެއް ވެސް އިއުލާންކުރާނެ އެވެ.

ބެލުންތެރިންގެ ފަރާތުން ފުދޭ ވަރެއްގެ ތަރުހީބެއް ލިބުނު އޭނަގެ "ތަޅަޕް" އަކީ 2018 ގެ ތެލެގޫ ފިލްމު "އާރްއެކްސް 100" ގެ ރިމޭކެކެވެ. ތާރާ ސުތާރިއާ ބަތަލާގެ ރޯލު ކުޅުނު ފިލްމު ޑައިރެކްޓްކުރީ މިލަން ލުތުރިއާ އެވެ.