މުޅި ރާއްޖެ އިން އެޖެންޓުން ހޯދަން ހައްޖު ކޯޕަރޭޝަނުން އިއުލާންކޮށްފި އެވެ.
އުމްރާ އާއި ހައްޖަށް މީހުން ގެންދާ ސަރުކާރުގެ ކުންފުނިން މިކަން އިއުލާންކޮށްފައި މި ވަނީ އަންނަ އަހަރު ރާއްޖެ އަށް ލިބޭ ހައްޖު ކޯޓާ އެއްކޮށް ހައްޖު ކޯޕަރޭޝަނެއް ދޭން ސަރުކާރުން ނިންމާފައި ވަނިކޮށެވެ. އަދި މިކަމާ ގުޅޭ އެއްބަސްވުމުގައި އެ ކުންފުންޏާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު މި ހަފުތާގައި ސޮއި ވެސް ކޮށްފައިވެ އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ އެޖެންޓުން ހޯދަން ނިންމީ ކުންފުނީގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، މައޔލޫމާތު ވެސް ފުޅާ ދާއިރާއެއްގައި މުޅި ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށް ދިނުމަށްޓަކައި ކަމަށެވެ. އެގޮތުން އެޖެންޓުންނަށްވާން ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު އަންނަ މަހުގެ 15 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

އެޕްލައިކުރާ އިރު، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި ވަނަވަރު/ޕްރޮފައިލާއި ތަޢުލީމާއި ތަޖުރިބާ އަންގައިދޭ ލިޔެކިޔުންތަކުގެ ކޮޕީގެ އިތުރުން އަދާކޮށްފައިވާ ނުވަތަ އަދާކުރަމުން އަންނަ ވަޒީފާ ނުވަތަ ކުރާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަން ޖެހޭނެ އެވެ.
އީމެއިލް މެދުވެރިކޮށް އެޕްލައިކުރާ ނަމަ ލިޔުންތައް ފޮނުވާނީ މި [email protected] މެއިލަށެވެ.