Last Updated: July 14, 13:49
Tuesday, July 14, 2026
ކުޅިވަރު

ވެސްޓްހަމް އިން އާސެނަލް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓްހަމް ޔުނައިޓެޑުން 2-0 އިން އާސެނަލް ބަލިކޮށްފި އެވެ.

ރޭގެ މެޗުން މޮޅުވެގެން ލީގުގެ އެއްވަނަ އަށް އަރަން އާސެނަލަށް ފުރުސަތު އޮތް ނަމަވެސް މެޗުން ބަލިވުމުން އެޓީމު މިހާރު އޮތީ 19 މެޗުން ލިބުނު 40 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގަ އެވެ. އެއްވަނައިގައި 42 ޕޮއިންޓާ އެކު އޮތީ ލިވަޕޫލް އެވެ. އާސެނަލްގެ މައްޗަށް ކުރި ހޯދި ވެސްޓްހަމް އޮތީ 33 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގަ އެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗުގެ 13 ވަނަ މިނެޓްގައި ތޯމަސް ސޫޗެކް ވަނީ ވެސްޓްހަމް އަށް ލީޑު ނަގައިދީފަ އެވެ. ޖެރާޑް ބޮވެން ތަނަވަސްކޮށްދިން ފުރުސަތަކުން ސޫޗެކް މި ގޯލު ކާމިޔާބު ކުރީ އާސެނަލްގެ ޕެނަލްޓީއޭރިއާ ތެރޭ މުޅިން ހުހަށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްލަން އާސެނަލްގެ ބުކާޔޯ ސަކާ އަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

މި މެޗުގައި ވެސްޓްހަމުން ޖެހި ދެވަނަ ގޯލު މެޗުގެ 55 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އާސެނަލަށް ކުރިން ކުޅުނު ކޮންސްޓަންޓިނޯސް މަވްރޮޕަނޯސް އެވެ. އޭނާ މި ގޯލު ކާމިޔާބު ކުރީ އާސެނަލްގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ. މި ގޯލަށްފަހު ވެސްޓްހަމުން ވަރަށް ބޮޑަށް ޑިފެންސިވްކޮށް ކުޅުނުއިރު އާސެނަލަށް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެ އެވެ.

މިއީ އާސެނަލް ލީގުގައި ބަލިވި ތިންވަނަ މެޗެވެ. އެޓީމުން ވަނީ 12 މެޗުން މޮޅުވެފަ އެވެ.

ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން އިން ވަނީ އަމިއްލަ ދަނޑުގައި ޓޮޓެންހަމްގެ މައްޗަށް 4-2 އިން ކުރި ހޯދާފަ އެވެ. މި މޮޅާއެކު ބްރައިޓަން 30 ޕޮއިންޓާއެކު ލީގުގެ 8 ވަނަ އަށް އަރާފައިވާއިރު ޓޮޓެންހަމް އޮތީ 36 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގަ އެވެ.