Last Updated: May 2, 06:02
Thursday, May 2, 2024
ރިޕޯޓް

ޤައުމީ ޖޯޝުގައި ދިރާސީ އާ އަހަރު ފެށުން

މިއަދަކީ ދިވެހިރާއްޖޭގެ ޤައުމީ ދުވަހެވެ. ޤައުމީ އެއްބައިވަންތަކަމުގެ ގަހަނާއިން ޒީނަތްތެރިވެގެން ތިބެ، އަޅުގަނޑުމެން މާދަމާ މި ކުރިމަތިލަނީ ދިރާސީ އާ އަހަރަކާ އެވެ.
ކިޔަވާ ކުދީންގެ "ޔުނިފޯމް" ގައި މާދަމާ ސްކޫލު މަދަރުސާ ތަކުގެ ގޮނޑިތަކުގައި އިށީންނާނީ އަހަރު ތަކެއްގެ ފަހުން ދިވެހި ޤައުމުގެ އެންމެހާ ޒިންމާ ތަކަކާއި ޙަޥާލުވާނެ ދިވެހި ދަރީންނެވެ. އެހެންކަމުން ޤައުމުގެ ކުރިމަގު ބައްޓަން ކުރުމުގެ ދުވަސް ފެށުމުގެ އާއަހަރަކަށް ދިވެހި ޤައުމު އިސްތިޤުބާލު މިކުރަނީ ޤައުމީ ލޯތްބާއި ޤައުމީ ޝުޢޫރާއި ދީނީ ވަޙުދަތާއި އެއްބައެއް ވަންތަ ކަމުގެ ރޫޙު ދިރުވައިދިން ޤައުމީ ދުވަހު ޤައުމީ ޖޯޝުން ފުރިގެން ތިބެއެވެ.

އެހެންކަމުން މިހިނދުކޮޅަކީ އަޅުގަނޑުމެންގެ ކުރިއެރުން އެކަމުގެ މައްޗަށް ބިނާވެފައިވާ ޤައުމިއްޔަތާ ދޭތެރޭ ފުންކޮށް ވިސްނާލަން ޖެހޭ ވަގުތެކެވެ. ދިވެހީންނަށް މިއަދު އާދެވިފައި މިތިބަ ހިސާބާއި ދަތުރުގެ ސަމުގާ އަލުން ބަލައި މިޞްރާބު ބަދަލު ކުރަން ޖެހޭ ނަމަ އެކަމަށް އޮތް އެންމެ ރަނގަޅު އިރުވަރަކީވެސް މިއީއެވެ.

މިއަދު އަޅުގަނޑުމެން މިވަނީ ހަތަރު އަނގޮޅިއެއްގެ މެދުގައެވެ. އާދެ! ޤައުމު މިވަނީ އިޖުތިމާޢީ މައްސަލަތަކެއްގެ މެދުގައި ބަންދުވެ ހުރަގެއަކަށް ލެވިފައެވެ. ޒުވާނުން ދިވެހި ސަޤާފީ ކަންކަމަށް ލޯބި ކުރުމެއްނެތި ހެސް ގެންފައިވަނީ ބޭރުގެ އުޅުންތަކާއި ގުޅުންތަކަށެވެ.

ހެދުން އަޅާފައި ހުންނަނީ ބިރެއް ސިހުމެއްނެތް ކަމަށް އިޢުލާން ކުރާޖުމްލަ ތަކާއި އަދަބާ ޚިލާފް ޢިބާރާތްތަކާ މަސްތުވާ ތަކެތީގެ އިޝްތިހާރު ޖެހި ޓީޝާތަކުންނެވެ. ކަންފަތާއި ނޭފަތާއި އެހެނިހެން ތަންތަން ތޮރުފާފައި ބޮޅުފަތިތައް އަޅައިގެން އިސްތަށިގަނޑު ދިގުބޮލުގައި ތަފާތު ކުލަ ޖައްސާލައިގެން ހިނގާ ހިނގުމުގައި އެއްވެސް ހަރުދަނާ ކަމެއް ނުހުރެއެވެ. ޅަޒުވާނުންގެ ތުނބުން ސިނގިރެޓް ނުވެއްޓެއެވެ. ދެޖިންސުގެ ޒުވާނުން މަސައްކަތް ތެރިކަމަށް ޝައުޤުވެރިކަމެއްނެތި، ޗެޓް ކުރުމާއި ހެކް ކުރުމުގައި ރެއާ ދުވާލު އިސްރާފު ކުރަން ތިބޭތިބުމުން ދޭހަވަނީ އެކުދީން ކުރިމަގަށް އެއްވެސް އުއްމީދެއް ނުކުރާކަމެވެ.

ވަކި ޢުމުރެއްގެ ކުދީންގެ ނަންތަކުން ދިގުވަމުންދަނީ ކުށްކުރާ މީހުންނާއި ތަފާތު މަސްތުވާ ތަކެތީގެ އިސްތިޢުމާލު ކުރާ މީހުންގެ ލިސްޓެވެ. ކަޓަރު އެޅުމާއި ކަނޑިން ޖެހުމާ ގުޅިގެން ޒަޚަމްވާ އަދި މަރުވަމުންދާ ޒުވާނުންގެ ޢަދަދު ގުނުން މިއަދު ފަސޭހައެއްނޫނެވެ. ކުޑަކުދީން ހެހުމާއި، ބަދު އަޚުލާޤާއި ވައްކަމާއި ބަނގުރަލުގެ ވާހަކަ ކޮޅުން ލާކަށެއްނެތެވެ. ކަންމިހެން ހުއްޓަސް އެކިވައްތަރުގެ ކުށްތަކާއި އިޖުތިމާޢީ މައްސަލަ ތަކަށް ޙައްލެއް ނުފެނި އިވެނީ ކަންފަތަށް އާއަޑެކެވެ.

ފެންނަމުންދަނީ މުޅީން އެހެން މަންޒަރެކެވެ. ހައްޤު ހޯދުމުގެ ނަމުގައި އުފުލޭ އަޑު ތަކާއި ޚިޔާލު ތަފާތު ވުންތަކެވެ.
ދިވެހި ޤައުމުގައި މިއަދު އުފެދެމުންދާ ޚިޔާލު ތަފާތު ވުންތަކުގެ މައްޗަށް ބިނާވެފައިވާ ދެކޮޅުވެރި އެއްވުން ތަކާއި މާރާމާރީގެ ޢަދަދު އެއްދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުންނެވެ. އެއާއެކު ދޭދޭ ފަރުދުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ބަދަހި ގުޅުމުގައި ދަނީ ރެނދު އަޅަމުންްނެވެ. އެހެންކަމުން މިއަދު މިޤައުމު މިވަނީ ދެބަސްވުންތަކާއި ޚިޔާލު ތަފާތު ވުންތަކުގެ ހާއްޔަކަށް ބަދަލުވެފައެވެ.

މިކަމުގެ ނަތީޖާ އަކީ އަޅުގަނޑުމެންގެ އިޖުތިމާއީ ފޭރާން ވީދި ޤައުމުގެ އެއްބައިވަންތަކަމުގެ ކިއްލާފުނޑުފުނޑު ވެގެންދިއުމެވެ. ދިވެހިރާއްޖޭގައި މިވަގުތު ހުރި އިޖުތިމާޢީ މައްސަލަތަކުގެެ މައިގަނޑު ބަހާ ތަކަކީ ކޮބައިތޯ ވިސްނައި ޚިޔާލު ކުރުމަށް މިއަދަށްވުރެ ވަކިމުނާސިބު ދުވަހެއް ފަހުގެ ތާރީޚެއްގައި ދިވެހި ކަލަންޑަރު ނުދެކެއެވެ.

މިފަދަ ކަންތައްތަކަށް ޚިޔާލު ކުރަން އެންމެ އެކަށީގެންވާ ބަޔަކީ އުފާވެރި ޗުއްޓީއަކަށްފަހު މާދަމާ ޔުނިފޯރމުގައި މަދަރުސާތަކަށް ނިކުންނަ ދަރިވަރުންނާއި މަދަރުސާގެ ވެށިން އެދަރިވަރުންނަށް މަރުޙަބާ ކިޔަން ތައްޔާރުވަމުންދާ ސްކޫލުތަކުގެ ތަޢުލީމީ ކަންތައްތައް ރާއްވަވާ މަސްއޫލު ވެރީންނާއި މުދައްރިސުންނެވެ.

ޤައުމީ އެއްބައިވަންތަ ކަމުގައި ރެނދުއަޅާ މައިގަނޑު ސަބަބު ތަކަކީ ކޮބައިތޯ ބެލުމަށް ފުންކޮށް ވިސްނާލާފައި ދެންނެވެން އޮތީ ދިވެހި ޤައުމީ އެއްބައިވަންތަކަމުގެ ކިއްލާގައި ރެނދު އެޅުމުގެ މައިގަނޑު ސަބަބުތައް ގުޅިފައިވަނީ ޤަައުމުގައި ހުރި ވަރަށް ކުުދިކުދި ކަންތައްތަކަކާއެވެ. އިޖުތިމާާޢީ މައްސަލަތަކުގެ ފެށުން ގުޅިފައިވާ އެއްކަމަކީ ޅަޒުވާނުންގެ ތަރުބިއްޔަތެވެެ.

އެހެންކަމުން މުޖުތަމަޢަށް ބޭނުންވާ ހަރުދަނާ ޒުވާނުން އުފައްދަން ހުރި މަރުކަޒުތައް ކަމުގައިވާ ރާއްޖޭގެ މަދަރުސާ ތަކުގައި ކިޔަވާ ދަރިވަރުންގެ އުޅުން ރަގަޅުކޮށް އެދަރިވަރުންނަކީ ޤައުމަށް ބޭނުންވާފަދަ ދަރީންތަކަކަށް ހެދުމަށް ތަޢުލީމީ ވުޒާރާގެ ސިޔާސަތު ތަކަށް އިޞްލާޙު ގެންނަންޖެހެއެވެ.

ދަރިވަރުންގެ ޔުނިފޯރމްގެ މިންގަނޑާއި ސްކޫލުގައި ހިންގޭ ޙަރަކާތްތައް އިސްލާމް ދީނުގެ ގިއުގަނޑުގެ ތެރެއަށް ފައްތަންޖެހެއެވެ. މާދަމާ ފެށޭ ދިރާސީ އާއަހަރު ސްކޫލުތަކުގެ ތަޞައްވަރު މުރާޖަޢާ ކުރަންޖެހެއެވެ. އެކަމަށްޓަކައި އެކްޓިވީޓީސް ކަލަންޑަރު ބަދަލު ކުރަން ޖެހޭނަމަ އެކަން ކުރުން މުހިމުވެސް މެއެވެ.

ސްކޫލު ތަކުގެ ކިޔަވައި ދިނުމުގައި ވަކި އަމާޒެއް ކަނޑައަޅަންވެސް ޖެހެއެވެ. ސްކޫލުތަކުގައި ކިޔަވާ ކުދީންގެ މެދުގައި އޮންނަ ވާދަވެރިކަމަކީ ވަކި އިންތަކެއް ކަނޑައެޅިފައިވާ ޙުދޫދެއްގައި އޮންނަ ވާދަވެރިކަމަކަށް ހަދަން އެބަޖެހެއެވެ.

ކިޔަވާ ކުދީންނަކީ ތަފާތު ކަންތައްތަކުގައި އުފެއްދުންތެރި ޚިޔާލުތަކާއެކު އެހެން މީހުންގެ ފިކުރުތަކަށް އިޙުތިރާމް ކުރާ ބަޔަކަށް ހަދަންޖެހެއެވެ. ދަރިވަރުންނަކީ އަމިއްލަ މަޞްލަޙަތަށް ވުރެ ސްކޫލު މަޞްލަޙަތާއި އެކުވެރީންގެ ޙައްޤުތަކަށް ލޯބިކުރާ ކުދިބަޔަކަށް ހަދަން އެބަޖެހެއެވެ. ކުރުކޮށް ދަންނަވާނަމަ މިޒަމާނުގެ ޑިމޮކްރަޓިކް އުޞޫލުތަކަކީ ދަރިވަރުން އެއަށް އަހުލުވެރިވެފައިވާ ރަޙުމަތްތެރި، އެކުދީން ހޭނިފައިވާ ހަމަތަކަކަށް ހަދަން އެބަޖެހެއެވެ.
ޤައުމީ ދުވަހު ދިވެހިން ކުރިމަގަށްޓަކައި ކުރި އުއްމީދު ތަކުގައި ހަޤީޤީކުލަ ޖެއްސުމަށްޓަކައެވެ. ދިވެހި ޤައުމިއްޔަތާއި ދިވެހީންގެ ދީނުގެ ސަލާމަތަށްޓަކައެވެ.