މަޖިލިސް މެންބަރުންތަކެއް ޕާޓީން ވަކިވެވަޑައިގަތުމަކީ އެމްޑީޕީ އަށް ފިލާވަޅަކަށް ވާނެ ކަމަށް ޝެއިހް އަލީ ޒައީދު ވިދާޅުވެއްޖެ އެވެ.
އޭނަ ވެސް ތާއީދުކުރައްވާ މި ސަރުކާރުގެ މައި ޕާޓީ، ޕީއެންސީއާ އެމްޑީޕީގެ 13 މަޖިލިސް މެމްބަރަކު ރޭ ގުޅިވަޑައިގަތުމާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މިކަމުން ދައްކުވައި ދެނީ ބަޔަކަށް ގެއްލުމެއް ދޭން އުޅޭ ނަމަ އެކަމެއްގެ ރައްދު އެ ބަޔަކާ ކުތިމަލާން ޖެހިދާނެކަން ކަމަށެވެ.
އެގޮތުން އެމްޑީޕީ އަށް މަޖިލިސް މެންބަރުންތަކެއް ގެއްލުނު ސަބަބުތަކުގެ ތެރޭގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގުބޫލު އުޒުރެއް ނެތި މަގާމުން އަޒުލުކުރަން ވޯޓެއް ނަގަން އުޅުމަކީ އެ ޕާޓީން ފަހަތަށް އެޅި ފިޔަވަޅެއް ކަމަށް ޒައިދު ވިދާޅުވި އެވެ.
"އޭގެ ރިއެކްޝަން މި ފެނުނީ އެ ޕާޓީގެ ތެރެއިން،" އޭނަ ވިދާޅުވި އެވެ. "އަބަދު ވެސް ވިސްނަވާ، ނުހައްގުން މީހަކަށް ގެއްލުމެއް ދޭން މަސައްކަތްކޮށްފި ނަމަ އޭގެ ކޮންސީކްއެންސްތަކާ [ހިތި ނަތީޖާއާ] ކުރިމަތިލާން ޖެހިދާނެ."
ޕީއެންސީ އަށް ގުޅުނު މެންބަރުން:
* މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ)
* ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނިހާދު
* މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް
* އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު
* ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް
* ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަކީމް
* މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު
* މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު
* ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ)
* މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީ
* ކޮމަންޑޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޝިދު
* ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން
* ގުރައިދޫ ދާއިރާގެ މެމްބަރު ޝާޒް
މި މެންބަރުން ޕާޓީ ބަދަލުކުރެއްވުމާ ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން އަދަދު މިހާރު ވަނީ 56 އިން 42 އަށް ދަށްވެފަ އެވެ.