ބޮލީވުޑްގެ އެންމެ ކާމިޔާބު ފްރެންޗައިޒްތަކުގެ ހިމެނޭ "ދޫމް" ގެ ހަތަރު ވަނަ ބައި އިއުލާންކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން އާ އަހަރުގެ ފުރަތަމަކޮޅު ފިލްމު އިއުލާންކުރާނެ ކަމަށާއި އެކަމާ ގުޅޭ ތައްޔާރީތައް ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާ އިސްކޮށް ހުރެގެން މިހާރު ކުރިއަށްދާ ކަމަށެވެ.
މީޑިއާތަކުން ބުނި ގޮތުގައި "ދޫމް 4" ގެ އެންމެ ހާއްސަ ރޯލު ކަމަށްވާ ފިލްމުގެ ވިލަންގެ ރޯލު މި ފަހަރު ދޭނެ ކަމަށް ބެލެވެނީ ޝާހްރުކް ޚާނަށެވެ. ސަބަބަކީ ވައިއާރްއެފުން މި އަހަރުގެ ޖެނުއަރީގައި ގެނެސްދިން ކާމިޔާބު ފިލްމު "ޕަތާން" އިން ޝާހްރުކް އެކްޝަން ބަތަލެއްގެ ގޮތުގައި ވެސް ބެލުންތެރިން ބަލައިގެންފައިވުމެވެ.
މީގެ ކުރިން ވެސް "ދޫމް 4" ގެ ވިލަން އަކީ ޝާހްރުކް ކަމަށް ބުނެ އަޑުތަކެއް ފެތުރިފައިވެ އެވެ.
މީޑިއާތަކުން ބުނީ "ދޫމް" ގެ ކުރީގެ ތިން ފިލްމުގައި ފުލުހެއްގެ ރޯލު ކުޅުނު އަބީޝެކް ބައްޗަންގެ ބަދަލުގައި އާ ފިލްމަށް ނަގަން ހަމަޖެހިފައި ވަނީ "އާރްއާރްއާރް" ފަދަ ފިލްމުތައް ކުޅުނު ތެލެގޫ އެކްޓަރު ރާމް ޗަރަން ކަމަށެވެ. އަބީޝެކްގެ އެސިސްޓަންޓެއްގެ ގޮތުގައި ކުރީގެ ތިން ފިލްމުގައި ޕްރޮޑިއުސަރު އަދިތިޔާގެ ކޮއްކޮ އުދޭ ޗޯޕްޅާ މަސައްކަތްކޮށްފައިވެ އެވެ.
ކޮންމެއަކަސް ގިނަ ބަޔަކު މިހާރު އަންނަނީ "ދޫމް 4" އިއުލާން ކުރާނެ އިރަކަށް އިންޒާރު ކުރަމުންނެވެ.
މީގެ ތިން ވަނަ ފިލްމު އާމިރު ޚާންގެ ޑަބަލް ރޯލަކާ އެކީ ގެނެސްދިނީ 2013 ގަ އެވެ. އެ ފިލްމު ޑައިރެކްޓްކުރީ މި އަހަރުގެ ސެޕްޓެމްބަރުގައި "ދަ ގްރޭޓް އިންޑިއަން ފެމިލީ" ގެނެސްދިން ވިޖޭ ކްރިޝްނާ އަޗާރިއާ (ވިކްޓާ) އެވެ. ޖޯން އަބްރަހަމް ވިލަންގެ ރޯލު ކުޅުނު 2004 ގެ "ދޫމް" އާއި ރިތިކް ރޯޝަން ވިލަންގެ ރޯލު ކުޅުނު 2006 "ދޫމް 2" ޑައިރެކްޓްކުރީ މިދިޔަ ނޮވެމްބަރުގައި މަރުވި ސަންޖޭ ގަދުވީ އެވެ.
ޝާހްރުކް ދެން އެންމެ އަވަހަށް ޝޫޓިން ފަށަން އޮތް ފިލްމަކީ ދަރިފުޅު ސުހާނާ ޚާނާ އެކީ ކުޅެމން ހަމަޖެހިފައިވާ "ދަ ކިންގް" އެވެ. މާޗް ނުވަތަ އެޕްރީލްގައި ޝޫޓިން ފަށާ މި ފިލްމުގެ ޑައިރެކްޓަރަކީ ސުޖޯއި ގޯޝް އެވެ. މި އަހަރު ޝާހްރުކްގެ ތިން ފިލްމެއް ރިލީޒްވި އެެވެ. އެއީ "ޕަތާން" އާއި "ޖަވާން" ގެ އިތުރުން މިހާރު ދައްކަމުން އަންނަ "ޑަންކީ" އެވެ.