ދިވެހިރާއްޖޭގެ ހައިކޯޓްގެ ދެކުނު ސަރަހައްދުގެ ގޮފި ހުޅުމީދޫގައި ގާއިމްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ސްޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހު އުތުރާއި ދެކުނުގައި ހައިކޯޓްގެ ދެ ގޮފި އުފައްދަވަން ނިންމެވުމާ ގުޅިގެން ދެކުނަށް ނިސްބަތްވާ ހައިކޯޓްގެ ގޮފި ގާއިމް ކުރުމަށް ހަމަޖެހިފައި ވަނީ އެސްޓީއޯ އިން ހުޅުމީދޫގައި ހަތަރު ބުރިއަށް ހަދާފައިވާ އިމާރާތުގެ ތިން ވަނަ ފަންގިފިލާގެ ބައެއްގަ އެވެ.
މި ގޮފި ގާއިމް ކުރުމަށް އެތަނަށް ބައެއް ބަދަލުތައް ގެނައުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ބަޔަކު ހޯދުމަށްޓަކައި ސުޕްރީމް ކޯޓުން މިހާރު ވަނީ އިއުލާން ވެސް ކޮށްފަ އެވެ.
ޑިސެމްބަރު 11، 2014 ވަނަ ދުވަހު ތަސްދީގް ކުރެއްވި ކޯޓުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވާ ގޮތުން، އެ ގާނޫނަށް އަމަލު ކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި، ހައި ކޯޓްގެ ގޮފިތައް ގާއިމު ކުރާނެ ރަށްތަކާއި ގޮފިތަކަށް ފަނޑިޔާރުން ހަމަޖައްސަން ވާނެ ކަމަށް އެ ގާނޫނުގައި ބުނެފައިވެ އެވެ.
ހައި ކޯޓްގެ ދެކުނު ގޮފި ހުޅުމީދޫގައި ގާއިމް ކުރުމަށް ނިންމާފައިވާއިރު ރާއްޖޭގެ މިހާރުގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަބްދުﷲ ސައީދަކީ މީދޫގެ ބޭފުޅެކެވެ.