އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން ޕާކިސްތާނުގައި އާ އަހަރު ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ނުގެންދަން ނިންމައިފި އެވެ.
ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރު އަންވަރުލް ހައްގު ވިދާޅުވީ އިޒްރޭލުން ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން ޕާކިސްތާނާއި މުޅި އިސްލާމީ އުއްމަތް އޮތީ ފުން ހިތާމައެއްގެ ތެރޭގައި ކަމަށެވެ. އެގޮތުން ފަލަސްތީނު ރައްޔިތުންނާއެކު ތިބިކަން ހާމަކުރުމުގެ ގޮތުން ޕާކިސްތާނުގެ އެއްވެސް ސަރަހައްދެއްގައި މިފަހަރު އާ އަހަރު ފާހަގަކުރަން ހަރަކާތްތައް ނުހިންގުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
ޕާކިސްތާނުގެ އިތުރުން ފަލަސްތީނަށްޓަކާ ޔޫއޭއީގެ ތިންވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޝާރުޖާގައި ވެސް ވަނީ އާ އަހަރު ފާހަގަކުރަން ހަރަކާތްތައް މިފަހަރު ނުހިންގުމަށް ނިންމާފަ އެވެ.
އިޒްރޭލުން ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް ގާޒާ އަށް ހަމަލާތައް ދޭން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އެވެ. އޭގެ ފަހުން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 21،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން ތަހައްމަލު ކުރަމުންދާ ކަމަށް އދ. އިން ބުނެ އެވެ.