ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ޚުކުމަކީ ބަލައިގަނެވޭނެ ޙުކުމެއް ނޫން ކަމަށާއި އެމަނިކުފާނު ސަލާމަތްކުރުމަށް ކުރާ މަސައްކަތް އޮތީ މެކުހަށް ޖަހާފައި ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިފާޅުވެއްޖެ އެވެ.
ރައީސް ނަޝީދު ދޫކޮށްލުމަށް ގޮވާލާ މާލޭގެ މަގުތަކުގައި ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާގެ ބައިވެރިންނާއި ވާހަކަ ދައްކަވަމުން ބުދަ ދުވަހުގެ ރޭ ޝަރީފް ވިދާޅުވީ ރައީސް ނަޝީދު މިނިވަން ވަންދެން ކުރަމުން އަންނަ މަސައްކަތުގައި އެންމެ އިންޗިއެއް ވެސް ފަހަތަށް ނުޖެހޭނެ ކަމަށާއި އެމަނިކުފާނު ސަލާމަތް ކުރުމަށް ކުރާ މަސައްކަތް ދާނީ ބާރަށް ކުރިއަށް ކަމަށެވެ.
ދައުލަތް ހިނގަން ތިބި މީހުންގެ އެންމެ އިސް ވާޖިބަކީ ގައުމުގައި ހަމަ ހިމޭކަން ޤާއިމްކުރުން ކަމަށްވާއިރު ޤާނޫނުތައް ތަރުޖަމާކުރުމުގައި ގައުމުގެ ސުލްޙަ މަސަލަސްކަމާއި ރައްޔިތުންގެ އިހުސާސްތަކާއި އަމަން އަމަންކަން ނުގެއްލޭ ގޮތަށް ތަރުޖަމާކުރުމަށް ޝަރީފް ސަރުކާރަށް ގޮވާލެއްވިއެވެ.
ރައީސް ނަޝީދު ހައްޔަރުކުރުމަކީ ރާއްޖޭގެ ސުލްޙަ މަސަލަސް ކަމަށް ހުރަސް އެޅޭ ކަމަކަށްވާއިރު، ގައުމުގެ ސުލްހަ މަސަލަސް ކަމަށްޓަކައި ރައީސް ނަޝީދު ދޫކޮށްލުމަށް ވެސް ސަރުކާރަށް ޝަރީފް ވަނީ ގޮވާލައްވާފަ އެވެ.