އައި ފިލްމްސްގެ ފުރަތަމަ ބިރުވެރި ފިލްމު، "ކަންބަޅި" އަންނަ އަހަރުގެ ފެބްރުއަރީގައި ބެލުންތެރިންނަށް ގެނެސްދޭން ނިންމައި އޭގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
ފެބްރުއަރީ 1 ގައި އޮލިމްޕަހުގައި ޕްރީމިއާކުރަން ތާވަލުކޮށްފައިވާ މި ފިލްމު ވާނީ އަންނަ އަހަރު ސިނަމާ އަށް އަންނަ ދެވަނަ ފިލްމަށެވެ. އަންނަ އަހަރުގެ ފުރަތަމަ ފިލްމަކީ އަޒްހާން އިބްރާހީމް ލިޔެ، ޑައިރެކްޓްކޮށް ޖެނުއަރީ 6 ގައި ޕްރީމިއާކުރަން ތައްޔާރުވަމުން އަންނަ އަސަރު ގަދަ ލޯބީގެ ފިލްމު "މީ އިޝްގް" އެވެ.
"ކަންބަޅި" އަކީ އިލްޔާސް ވަހީދު (އިއްލެ) ލިޔެ އޭނަ އާއި އެކްޓަރު އިފްނާޒް ފިރާގު ގުޅިގެން ޑައިރެކްޓްކުރާ ފިލްމެކެވެ. އިއްލެގެ ފުރަތަމަ ފީޗާ ފިލްމު 2019 ގެ "ބަވަތި" ގެ ބަތަލުގެ ރޯލު ކުޅުނު އިފްނާޒް ވެސް ރޯލަކުން ފެންނާނެ "ކަންބަޅި" ގެ ކާސްޓްގައި ނުޒުހަތު ޝުއައިބް (ނުޒޫ)، ރަވީ ފާރޫގް، ވާޝިޔާ، މުހައްމަދު، ޝަރަފު އަބްދުﷲ އަދި ތާތި ހިމެނެ އެވެ.
މި ފިލްމަކީ އައި ފިލްމްސް އިން މަސައްކަތް ފަށައި އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ބެލުންތެރިންނަށް ގެނެސްދޭ ފިލްމެވެ. "ކަންބަޅި" އިއުލާންކޮށް، ޝޫޓިން ފެށީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. ފިލްމުގެ ޓްރެއިލާ މިއަދު ދައްކައިލި އިރު އަދިވެސް ފިލްމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ. ފާހަގަކޮށްލެވޭ ކަމަކީ ޝޫޓިންއާ އެކުއެކީގައި "ކަންބަޅި" ގެ އެޑިޓިން ވެސް ކުރިއަށްދާ ކަމެވެ.
ބެލުންތެރިން މިހާރު ވަރަށް އިތުބާރުކުރާ ޑައިރެކްޓަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އިއްލެ މި އަހަރު ދެ ފިލްމެއް ބެލުންތެރިންނަށް ގެނެސްދިނެވެ. އެއީ ކްރައިމް ތުރިލާ "ނީނާ" އާއި ބްލެކް ކޮމެޑީ "ފްރީ ޑެލިވަރީ" އެވެ.