މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެއްވެސް ތަފާތެއް ނެތް ކަމަށާއި ދެ ސަރުކާރުގައި ވެސް އޮތީ ކޮރަޕްޝަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކީ މިހާރު ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންްއެފް) ގެ ނަމުގައި ޕާޓީއެއް އުފައްދަވަން މަސައްކަތްކުރައްވަމުން ގެންދަވާ ޖަމީލު މިއަދު ސޯޝަލް މީޑިއާގައި ވިދާޅުވީ މިއަދު ގައުމިއްޔަތު ދަސްކޮށް މިދެނީ ހަމަ އެއް އަޚްލާގެއް ކަމަށާއި ކޮރަޕްޝަނާއި ރިޝްވަތުގެ ޙަރާމް އަމަލާއި ފަސާދަ ކަމަށެވެ.
"މިއަދު ރައީސް މުއިއްޒު އާއި ރައީސް އިބޫގެ ތަފާތެއް ނެތް. އެއްމަގެއް. އެއްބައެއް. އެއް އަމަލެއް." އެމްޑީގެ މަޖިލިސް މެމްބަރުންތަކެއް ސަރުކާރު ހިންގާ، ޕީއެންސީ އަށް ރޭ ސޮއިކުރެއްވުމާ ގުޅިގެން ޖަމީލު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ރައީސް މުއިއްޒު މިހާރު ވަނީ ޕީޕީއެމްގެ ފިކުރަށާއި ގައުމިއްޔަތަށް ވެސް ބޭވަފާތެރިވެ، ސާފުވެރިކަމަށް ވެސް ބޭވަފާތެރިވެފައި ކަމަށެވެ.
"ދިވެހިންގެ ރާއްޖޭގެ ތިޔަ ދަތުރަކީ ފަސާދަ އާއި ކޮރަޕްޝަނާ ރިޝްވަތުން ޖަރީ ކުރެވިފައިވާ ނާމާން، ދީނީ އަޚްލާގަށް ބިރުވެރި ދަތުރަކަށްވެ ނިމިއްޖެ." ޖަމީލު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ސަރުކާރާ ގުޅިވަޑައިގަތް އެމްޑީޕީ މަޖިލިސް މެމްބަރުންނަކީ ކުރިން ދީނަށް ފުރައްސާރަކުރި އެމްޑީއެން ދިފާޢުކުރި މީހުން ކަމަށެވެ.
"މިއަދު މި ގުޅުނީ އިއްޔެ ކަނޑު ވިއްކާލުން ދިފާޢުކުރި މީހުން. މިއަދު މި ގުޅުނީ އިއްޔެ ބޭރު ސިފައިން ތިބުން ދިފާޢުކުރި މީހުން. މިއަދު މިގުޅުނީ ޕީޕީއެމް/ޕީއެންސީ ބުނަމުން ދިޔަ ޗޯރު ސަރުކާރު ދިފާޢުކުރި މީހުން،" ޖަމީލު ވިދާޅުވި އެވެ. " ކޮވިޑް ވައްކަން، ވެންޓިލޭޓަރު، އިބޫގެ ކޮރަޕްޝަން ދިފާޢުކުރި މީހުން. އިބޫގެ ސަރުކާރުގެ ހުރިހާ ގޯހެއް ދިފާޢުކުރި މީހުން."
އެމްޑީޕީގެ މަޖިލިސް 13 މެންބަރަކު ރޭ ޕީއެންސީ އަށް ސޮއިކުރައްވާފައިވެ އެވެ.