Last Updated: July 23, 14:58
Thursday, July 23, 2026
މުނިފޫހިފިލުވުން

އާލިއާގެ ބަދަލުގައި އާ ބަތަލާއެއް

އާލިއާ ބަޓާއި ވަރޫން ދަވަންގެ ކާމިޔާބު "ދުލްހަނިޔާ" ފްރެންޗައިޒްގެ ތިން ވަނަ ފިލްމުގެ ބަތަލާއަކަށް އާލިއާގެ ބަދަލުގައި ނަގާނީ އާ ބަތަލާއެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އަންނަ އަހަރު އެ ފިލްމު އިއުލާން ކުރާނެ ކަމަށާއި އޭގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ ފަހުކޮޅު ކަމަށެވެ.

"ދުލްހަނިޔާ" ފްރެންޗައިޒަކީ ޑައިރެކްޓަރު ޝިޝާންކް ކައިތާން ލިޔެ، ޑައިރެކްޓްކޮށް ގެނެސްދޭ އެއްޗެކެވެ. މީގެ ފުރަތަމަ ބައި "ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ" ގެނެސްދިނީ 2014 ގަ އެވެ. އަދި "ބަދުރީނާތު ކީ ދުލްހަނިޔާ" ގެނެސްދިނީ 2017 ގަ އެވެ. މި ދެ ފިލްމު ވެސް ވަރަށް ކާމިޔާބެވެ.

ޝިޝާންކްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ވިކީ ކޯޝަލް އާއި ކިއާރާ އަދުވާނީއާ އެކީ ގެނެސްދިން "ގޯވިންދާ ނާމް މޭރާ" އެވެ.

އެކްޓަރު ރަންބީރް ކަޕޫރްގެ އަންހެނުން، އާލިއާ ނުލައި "ދުލްހަނިޔާ" ގެ ތިން ވަނަ ބައި ހަދަން ނިންމި އިރު، މި އަހަރު ނެޝަނަލް އެވޯޑް ވެސް ލިބުނު ބަތަލާ މިހާރު އަންނަނީ "ޖިގްރާ" ކިޔާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެ ފިލްމު އަންނަ އަހަރުގެ ސެޕްޓެމްބަރުގައި ރިލީޒްކުރާނެ އެވެ. ކަރަންގެ 2012 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ" އިން އެކީގައި ބޮލީވުޑަށް ނުކުތް އާލިއާ އާއި ވަރޫން އެކީގައި އެންމެ ފަހުން ކުޅުނު ފިލްމަކީ ބޮޑު ކާސްޓެއް ހިމެނޭ 2019 ގެ "ކަލަންކް" އެވެ.

ޒުވާން މި ދެ ތަރިންނަކީ މަގުބޫލު ސްކްރީން ޖޯޑެކެވެ.

ވަރޫން މިހާރު އަންނަނީ ޝާހްރުކް ޚާންގެ "ޖަވާން" ގެ ޑައިރެކްޓަރު އެޓްލީ ޕްރޮޑިއުސްކުރާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އަދި އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އޭނަގެ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓްކުރާ ރޮމޭންޓިކް ކޮމެޑީއެއްގެ ޝޫޓިން ފަށާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.