Last Updated: July 23, 14:58
Thursday, July 23, 2026
މުނިފޫހިފިލުވުން

ސަލްމާނަށް "ބައްބަރް ޝޭރު"

ސަލްމާން ޚާން ހިމަނައިގެން "ބައްބަރް ޝޭރު" ކިޔާ ފިލްމެއް ހަދަން ޑައިރެކްޓަރު ކަބީރް ޚާން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނީ މި ފިލްމުގެ މަސައްކަތް ކަބީރް ފަށާނީ އަންނަ އަހަރު ކާތިކް އާރިއަނާ އެކީ ގެނެސްދޭން ނިންމާފައިވާ ކުޅިވަރު ފިލްމު "ޗަންދޫ ޗެމްޕިއަން" ގެ ހުރިހާ މަސައްކަތްތަކަކުން އަތްދޫކޮށްލުމަށް ފަހު ކަމަށެވެ. އަންނަ އަހަރުގެ ޖޫން 14 ގައި ގެނެސްދޭން ހަމަޖެހިފައިވާ ފިލްމުގެ ޝޫޓިން މިހާރު އޮތީ ގާތްގަނޑަކަށް ނިމުމަކާ ހަމައަށް އައިސްފަ އެވެ.

ޕިންކްވިލާ އިން ބުނީ "ބައްބަރް ޝޭރު" ގެ ސްކްރިޕްޓް ސަލްމާނަށް ކަބީރު އަންނަ އަހަރުގެ ކުރީކޮޅު ނެރޭޓްކޮށް ދޭނެ ކަމަށާއި ޕްލޭން ކުރަނީ އަންނަ އަހަރުގެ މެދުތެރޭގައި ފިލްމުގެ ޝޫޓިން ފަށަން ކަމަށެވެ. ކަބީރަކީ ސަލްމާނާ އެކީ 2017 ގެ "ޓިއުބްލައިޓް" އާއި 2015 ގެ "ބަޖްރަންގީ ބައިޖާން" ގެ އިތުރުން 2012 ގެ "އޭކް ތަ ޓައިގާ" ގެނެސްދިން ޑައިރެޓަރެވެ.

ނަމަވެސް "ޓިއުބްލައިޓް" ފްލޮޕްވުމާ ގުޅުގެން ސަލްމާނާއި ކަބީރާ ދެމެދު ކުރިން އޮތް ގުޅުން ހީނަރުވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. ކަބީރްގެ އެންމެ ފަހުގެ ފިލްމަކީ 2021 ގައި ރަންވީރް ސިންގްއާ އެކީ ގެނެސްދިން ކްރިކެޓް ފިލްމު "83" އެވެ.

ސަލްމާން މިހާރު އަންނަނީ އޭނަ، 25 އަހަރު ފަހުން ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ސޮއިކުރި ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުންނެވެ. ވިޝްނޫވަރުދާން ޑައިރެކްޓްކުރާ މި ވަތަނީ ފިލްމުގެ ނަމަކީ "ދަ ބުލް" ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ފިލްމުގެ ޝޫޓިން ރަސްމީކޮށް މި ހަފުތާގެ ތެރޭގައި ފަށާނެ ކަމަށްވެ އެވެ.

މި މަހުގެ 27 ގައި 58 އަހަރު ފުރުނު ސަލްމާންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި "ޓައިގާ 3" އެވެ.