ފާއިތުވި 24 ގަޑިއިރު ތެރޭގައި އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ ގާޒާ އިން 100 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި އެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ 24 ގަޑިއިރު ތެރޭގައި އިޒްރޭލުން ދިން ހަމަލާތަކުގައި ގާޒާ އިން 165 މީހަކު ޝަހީދުވެފައިވާ ކަމަށެވެ. މި ހަމަލާތަކުގައި 250 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ރިޕޯޓުތައް ބުނާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭ އިޒްރޭލުން ހަމަލާތައް އެންމެ ބޮޑަށް އަމާޒުކޮށްފައިވަނީ ގާޒާގެ މެދުތެރޭގެ ސަރަހައްދުތަކަށެވެ.
އިޒްރޭލުން ފަލަސްތީނަށް ހަމަލާދީ ހަނގުރާމަ އިއުލާންކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އެވެ. އޭގެ ފަހުން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 21،672 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ. އަދި ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދާ މީހުންގެ މެދުގައި ނުރައްކާތެރި ބަލިތައް ފެތުރެމުންދާ މިންވަރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް އދ. އިން ބުނެ އެވެ.
ހަނގުރާމަ އަށް 85 ދުވަސް ވެފައިވާއިރު އިޒްރޭލުން އަންނަނީ ހަނގުރާމަ ހުއްޓާލާނީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތް ނެތިކޮށްލުމަށްފަހު ބުނެފަ އެވެ. ހަމާސްގެ ބެލުމުގެ ދަށުގައި މިވަގުތު އިޒްރޭލުން 100 އަށް ވުރެ ގިނަ މީހުން ތިބިއިރު އެ ޖަމާއަތުން ވަނީ އެމީހުން ދޫކޮށްލާނީ އިޒްރޭލުން ހަމަލާތައް އެއްކޮށް ހުއްޓާލުމަށް އެއްބަސްވުމުން ކަމަށް ބުނެފަ އެވެ.