Last Updated: July 17, 17:40
Friday, July 17, 2026
ދުނިޔެ

ޗައިނާ އަށް އާ ޑިފެންސް މިނިސްޓަރެއް

ޗައިނާ ސަރުކާރުން ޑިފެންސް މިނިސްޓަރުގެ މަގާމަށް އާ ބޭފުޅަކު އައްޔަންކޮށްފި އެވެ.

އިއްޔެ އެ މަގާމަށް އައްޔަންކޮށްފައި ވަނީ ކުރިން ނޭވީ ކޮމާންޑަރެއްގެ ގޮތުގައި ހުންނެވި ޑޮންގް ޖުން އެވެ. އޭނަ ޑިފެންސް މިނިސްޓަރުގެ މަގާމަށް އައްޔަންކުރީ އެ މަގާމުގައި ކުރިން ހުންނެވި ލީ ޝަންގްފޫ މަގާމުން ރަސްމީކޮށް ވަކިކުރިތާ ދެ މަހެއްހާ ދުވަސް ފަހުންނެވެ.

ޗައިނާ ސަރުކާރުން ވަނީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ކިން ގަންގް ވެސް މަގާމުން ވަކިކޮށްފަ އެވެ. ނަމަވެސް ސަރުކާރުގެ އޮފިޝަލުންތަކެއް މަގާމުން ވަކިކުރުމާ ބެހޭ ގޮތުން ސަރުކާރުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.

މީޑިއާތަކުން ބުނީ ޑިފެންސް މިނިސްޓަރަކަށް އިއްޔެ ޑޮންގް، 62، އައްޔަންކުރުމުގެ އިތުރަށް އަސްކަރިއްޔާގެ ނުވަ އިސް އޮފިޝަލަކު މަގާމުން ދުރުކޮށްފައިވާ ކަމަށެވެ. ޑޮންގް ނޭވީގެ ކޮމާންޑަރަކަށް އައްޔަންކުރީ 2021 ގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އޭގެ ކުރިން އޭނަ ހުންނެވީ ޗައިނާގެ އަސްކަރިއްޔާގެ ދެކުނު ތިއޭޓަރު ކޮމާންޑްގެ ޑެޕިއުޓީ ކޮމާންޑަރެއްގެ މަގާމުގަ އެވެ.