ހޮލީވުޑްގެ މަޝްހޫރު ތަރި، އެޑަމް ސޭންޑްލާ އެސްޓްރޮނޯޓެއްގެ ރޯލު ކުޅެފައިވާ ސައިންސް ފިކްޝަން ފިލްމު "ސްޕޭސްމޭން" ގެ ޓީޒާއެއް ދައްކާލައި ފިލްމު ބެލުންތެރިންނަށް ގެނެސްދޭ ތާރީހު އިއުލާންކޮށްފި އެވެ.
ސިނަމާތަކުގެ ބަދަލުގައި މި ފިލްމު އަންނަ އަހަރުގެ މާޗް 1 ގައި ޕްރީމިއަ ކުރާނީ ނެޓްފްލިކްސްއިންނެވެ. އަންނަ އަހަރުގެ ފެބްރުއަރީގައި ބާއްވާ 74 ވަނަ ބާލިން އިިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް ބީއައިއެފްއެފް) ގައި ވެސް "ސްޕޭސްމޭން" ދައްކައިލަން ހަމަޖެހިފައިވެ އެވެ.
ޖޮހާން ރެންކް ޑައިރެޓްކޮށްފައިވާ ފިލްމުގެ ކާސްޓްގައި ޕޯލް ޑާނޯ، ކެރީ މުލިގަން، ކުނާލް ނައްޔަރް، ލީނާ އޮލިން އަދި އީޒަބެލާ ރޮސެލިނީ ވެސް ހިމެނެ އެވެ.
"ސްޕޭސްމޭން" ހަދާފައި ވަނީ ލިޔުންތެރިޔާ ޖެރޮސްލާވް ކަލްފާރްގެ 2017 ގެ ވާހަކަ "ސްޕޭސްމޭން އޮފް ބޮހީމިއާ" އަށް ބިނާކޮށެވެ.
މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ސޭންޑްލާ، 57، އަކީ ކޮމެޑީ ރޯލުތަކުން ބެލުންތެރިންގެ ލޯބި ވަރަށް ބޮޑަށް ހޯދާފައިވާ އެކްޓަރެކެވެ.