ޝެފީލްޑް ޔުނައިޓެޑް 2-0 އިން ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ ތިންވަނަ އަށް މެންޗެސްޓާ ސިޓީ އަރައިފި އެވެ.
މި މޮޅާއެކު ލީގުގެ ތިންވަނައިގައި ސިޓީ އޮތީ 19 މެޗުން ލިބުނު 40 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 20 މެޗުން ލިބުނު 42 ޕޮއިންޓާ އެކު އެސްޓަންވިލާ އޮތްއިރު އެއްވަނައިގައި އޮތް ލިވަޕޫލަށް ވެސް ހަމަ މި އަދަދަށް ވަނީ ޕޮއިންޓު ލިބިފަ އެވެ. ނަމަވެސް ލީގުގައި މާދަމާ ރޭ ކުޅޭ މެޗުން މޮޅުވެއްޖެނަމަ ލިވަޕޫލަށް އެއްވަނައިގައި ލީޑު ފުޅާކޮށްލެވޭނެ އެވެ.
ސިޓީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމު ފުރަތަމަ ގޯލު މެޗުގެ 14 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރޮޑްރީ އެވެ. ރޮޑްރީ މި ގޯލު ކާމިޔާބު ކުރީ ޝެފީލްޑްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ސިޓީ އަށް ލިބުނުއިރު އެޓީމުގެ ދެވަނަ ގޯލު މެޗުގެ 61 ވަނަ މިނެޓްގައި ފިލް ފޮޑެން ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ ޖޫލިއަން އަލްވަރޭޒް އެވެ.
ޕްރިމިއާ ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ލީގުގެ ދެވަނައިގައި އޮތް އެސްޓަންވިލާ އިން ވަނީ އަމިއްލަ ދަނޑުގައި ބާންލީގެ މައްޗަށް 3-2 އިން ކުރި ހޯދާފަ އެވެ. އަދި ރަށުން ބޭރުގައި ކުޅެ ލޫޓަން ޓައުން 3-2 އިން ބަލިކޮށް ޗެލްސީން 10 ވަނަ އަށް ޖެހިލާފައިވާއިރު، ވުލްވްސް އިން ވަނީ އެވަޓަން 3-0 އިން ބަލިކޮށް ލީގުގައި ޖެހިޖެހިގެން ތިންވަނަ މޮޅު ހޯދާފަ އެވެ. އަދި ކްރިސްޓަލް ޕެލެސް އިން ވަނީ 3-1 އިން ބްރެންޓްފޯޑުގެ މައްޗަށް ކުރި ހޯދާފަ އެވެ.