މުޖުތަމަޢުގެ ތެރޭގައި ބިރުވެރިކަމާއި ހާސްކަން އިތުރުވެފައިވާ ކަމަށާއި 2014 ވަނަ އަހަރު މީހުން މެރުމާއި މާރާމާރީ ހިންގުން އިތުރުވެފައިވާކަން ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސްސީއެމް) ގެ ރިޕޯޓުން ހާމަވެއްޖެ އެވެ.
ހިޔުމަން ރައިޓްސް ކޮމިޝަންގެ 2014 ވަނަ އަހަރުގެ ރިޕޯޓުގައިވާ ގޮތުން މުޖުތަމަޢުގެ ތެރޭގައި ބިރުވެރިކަމާއި ހާސްކަން އިތުރުވެފައިވާ އެއް މައްސަލަކަމުގައިވާ މާރާމާރީ އާއި، މީހުން މެރުން 2013 ވަނަ އަހަރަށް ވުރެ މިދިޔަ އަހަރު ވަނީ އިތުރުވެފައެވެ.
އެގޮތުން ރިޕޯޓްގައި ބުނެފައި ވަނީ 2014 ވަނަ އަހަރު ނުރައްކާތެރި 1،062 މާރާމާރީ ހިންގައި ފަސް މީހަކު މަރާލާފައިވާ ކަމަށެވެ.
އެހެން ނަަވެސް އެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކޮށްފައިވާކަން ވެސް ކޮމިޝަންގެ ރިޕޯޓްގައި ފާހަގަކޮށްފައި ވެ އެވެ.
މިދިޔަ އަހަރު ރާއްޖޭގެ ހިނގި އިންސާނީޔަތާ ހިލާފު ކަންތައްތަކުގެ ތެރެއިން ކޮމިޝަނުން އެންމެ ކޮނަބޮޑުވުން ފާޅުކޮށްފައި ވަނީ މައްސަލަތަކުގެ ތެރޭގައި 2014 ވަނަ އަހަރު އޯގަސްޓު މަހުގެ ތެރޭގައި މިނިވަން ނިއުސްގެ ޖާނަލިސްޓެއް ކަމުގައިވާ މުޙައްމަދު ރިލްވާން ގެއްލުވާލާފައިވާ ޙާދިސާ އާއި އޭނާ ހޯދިފައިނުވުމާއި، ޖިނާއީ އިޖުރާއަތުގެ ބިލާއި، ހެއްކާ ބެހޭ ބިލްގެ މަސައްކަތް ނުނިމިވުން ހިމެނެ އެވެ.
ޑިސެމްބަރު މަހުގެ ތެރޭގައި ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރި ގޮތާއި ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ހަރުކަށި ވިސްނުން ޤައުމުގައި އިތުރުވަމުން ދިއުން ވެސް މިދިޔަ އަހަރުގެ ބޮޑެތި ކަންތައްތަކުގެ ތެރޭގައި އެޗްއާރުސީއެމްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން 2014 ވަނަ އަހަރަކީ އިންސާނީ ޙައްޤުތައް ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ގިނަ ގޮންޖެހުންތަކާ އެކު ވެސް ކޮމިޝަނުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލް ކުރެވުނު އަހަރެއް ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.