އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓުން 2-1 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ.
މި މޮޅާއެކު ފޮރެސްޓް އޮތީ 20 މެޗުން ލިބުނު 20 ޕޮއިންޓާ އެކު ލީގުގެ 15 ވަނައިގަ އެވެ. ޔުނައިޓެޑް އޮތީ 31 ޕޮއިންޓާ އެކު ލީގުގެ 7 ވަނައިގަ އެވެ. މިއީ ލީގުގައި ޔުނައިޓެޑް ބަލިވި 9 ވަނަ މެޗެވެ. އަދި މިއީ ޖެނުއަރީ އަށްފަހު ފޮރެސްޓުން ލީގުގައި ޖެހިޖެހިގެން ދެ މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ.
ފޮރެސްޓްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ފޮރެސްޓުންނެވެ. ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުން މި ގޯލު މެޗުގެ 64 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ނިކޮލަސް ޑޮމިނިގޭޒް އެވެ. ނަމަވެސް މެޗުގެ 78 ވަނަ މިނެޓްގައި ފޮރެސްޓްގެ ކީޕަރު މެޓް ޓާނާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މާކަސް ރަޝްފޯޑް ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
ޔުނައިޓެޑުން ނަތީޖާ އެއްވަރުކުރިތާ ހަތަރު މިނެޓް ފަހުން ފޮރެސްޓުން ވަނީ އަލުން ލީޑު ނަގާފަ އެވެ. ފޮރެސްޓުން އުފެއްދި ކައުންޓަ އެޓޭކެއްގައި މެޗުގެ 82 ވަނަ މިނެޓްގައި މޯގަން ގިބްސް ވައިޓް މި ގޯލު ކާމިޔާބު ކުރީ ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.
މިއީ 1994 ވަނަ އަހަރަށް ފަހު ލީގުގައި ފޮރެސްޓުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދި ފުރަތަމަ ފަހަރެވެ.
ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ ޓޮޓެންހަމްއާ އެވެ. ފޮރެސްޓުން ނިކުންނާނީ ބްރެންޓްފޯޑްއާ ދެކޮޅަށެވެ.