Last Updated: July 23, 14:58
Thursday, July 23, 2026
މުނިފޫހިފިލުވުން

އެންމެ އަގުބޮޑު ލަވަ ލިޔުނީ ޖާވިދު

އިންޑިއާގެ ފިލްމެއްގެ ލަވައެއް ލިޔެގެން މިހާތަނަށް އެންމެ ބޮޑު އަގެއް ހޯދި ޅެންވެރިޔަކީ ބޮލީވުޑްގެ މަޝްހޫރު ޅެންވެރިޔާ ޖާވިދު އަޚްތަރު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިކަން ހިއްސާކޮށް މަޝްހޫރު ފިލްމު ކްރިޓިކް އަދި ފިލްމީ ވިޔަފާރި ދިރާސާކުރާ ކޯމަލް ނަހަޓާ ބުނީ ޖާވިދަށް ރެކޯޑް އަގެއް ލިބުނު ލަވަ އަކީ މި މަހުގެ 21 ގައި ސިނަމާތަކަށް ގެނައި ޝާހްރުކް ޚާންގެ ފިލްމު "ޑަންކީ" ގައި ހިމެނޭ "ނިކްލޭ ތެ ކަބީ ހަމް ގަރް ސޭ" ލަވަ ކަމަށެވެ. ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ ފިލްމުގެ އެ ލަވައިގެ ޅެން ޖާވިދު ލިޔެދިނީ 25 ލައްކަ ރުޕީސްއަށެވެ. އަދި މިއީ އިންޑިއާގެ ފިލްމީ ތާރީހުގައި މިހާތަނަށް އެންމެ ބޮޑު އަގެއް ލިބުނު ޅެން ކަމަށް ކޯމަލް ބުންޏެވެ.

ރެކޯޑް ލަވައެެއް ލިބުނު ލަވައާ ބެހޭ ގޮތުން އެތައް ފިލްމެއްގެ ލަވައިގެ ޅެން ލިޔެފައިވާ ކުޅަދާނަ ޅެންވެރިޔާ ޖާވިދު ބުނީ "ޑަންކީ" ލަވައެއް ލިޔެދޭން ޑައިރެކްޓަރު އެދުމުން ފުރަތަމަ އެކަމަށް އިންކާރުކުރި ކަމަށެވެ. ސަބަބަކީ އާންމުކޮށް ފިލްމުތަކުގެ ލަވަތަކުގެ ޅެން ލިޔެދެނީ އެ ފިލްމެއްގެ ހުރިހާ ލަވައެއް ލިޔެދޭ ގޮތަށް ކަމަށްވާތޫ ކަމަށް ބުންޏެވެ.

"ހިރާނީ އެންމެ ލަވައެއް ލިޔެދޭން އެދުނީމަ އަހަރެން ފުރަތަމަ އެކަމަށް ބުނިން ނޫނެކޭ. އެކަމަކު އޭނަ ވަރަށް ބޮޑަށް އެދެމުން ދިޔަ،" މަޝްހޫރު ބަތަލާ ޝަބާނާ އާޒްމީގެ ފިރިމީހާ ބުންޏެވެ. "ހިރާނީ ބޭނުންވީ ކޮންމެހެން ވެސް އަހަރެން ލައްވައި ލަވަ ލިޔުއްވަން. ދެން އަހަރެން ޝަރުތުތަކެއް ކުރީމަ އެކަމަށް އޭނަ އެއްބަސްވީމަ އަހަރެން ލަވަ ލިޔެދޭން ނިންމީ."

ޑައިރެކްޓަރުން ކަމަށްވާ ފަރުހާން އަޚްތަރާއި ޒޯޔާ އަޚްތަރު، 78، ގެ ބައްޕަ އަކީ ލަވަތަކުގެ ޅެން ލިޔެގެން ފަސް ނެޝަނަލް އެވޯޑްގެ އިތުރުން އިންޑިއާގައި ދޭ ޕޮޕިއުލާ އެތައް އެވޯޑެއް ހޯދާފައިވާ މީހެކެވެ. ޖާވިދަކީ ކުރިން ހިންދީ ސިނަމާގައި ސްކްރީން ރައިޓަރެއްގެ ގޮތުގައި ވެސް ބޮޑު މަޝްހޫރުކަމެއް ހޯދި މީހެކެވެ.

އޭނަ، ޖުމްލަ 8 ލަވަ ހިމެނޭ "ޑަންކީ" އަށް ލިޔެ ދިން ލަވަ "ނިކްލޭ ތެ ކަބީ ހަމް ގަރް ސޭ" ކިޔާފައި ވަނީ ސޯނޫ ނިގާމެވެ. ފިލްމުގެ މިއުޒިކް ހެދީ ޕްރިތަމް އެވެ.