އިޓަލީގެ އެންމެ މަޝްހޫރު އެއް ސިޓީ ކަމަށްވާ ވެނިސް އަށް މާ ގިނައިން ޓޫރިސްޓުންދާތީ އެކަން ކޮންޓްރޯލް ކުރަން ހާއްސަ ފިޔަވަޅެއް އަޅަން ނިންމައިފި އެވެ.
ވެނިސް އަކީ ބޮޑެތި ގްރޫޕްތައް ހަދައިގެން ޓޫރިސްޓުން ޒިރާތްކުރާ ތަނެކެވެ. މީގެ ސަބަބުން "އޯވަ-ޓޫރިޒަމް" އަށް މަގުފަހިވެ، އެކަމުގެ ދަތިތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ. އެހެންވެ މިކަމަށް ހައްލެއް ގެނައުމަށްޓަކައި ވެނިސް އިން ނިންމީ އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން 25 މީހުންނަށް ވުރެ ގިނަ މީހުން ހިމެނޭ ގްރޫޕްތަކަށް ހުއްދަ ނުދޭން ނިންމައިފަ އެވެ.
މި ނިންމުމާ ބެހޭ ގޮތުން ވެނިސްގެ ސެކިއުރިޓީއާ ގުޅޭ އިދާރާގެ އިސް ވެރިޔާ އެލިޒަބެޓާ ޕެސްޗީ ވިދާޅުވީ ވެނިސް އަށް ދާ ޓޫރިސްޓުންގެ އަދަދު ކޮންޓްރޯލްކޮށްގެން ނޫނީ ކުރިއަށް އޮތް ތަނުގައި އެ ސިޓީގެ ކަންކަން ދެމަހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދަން ދަތިވާނެ ކަމަށެވެ. ހާއްސަކޮށް މާ ގިނަ ޓޫރިސްޓުންނާ އެކީ ސިޓީ ތޮއްޖެހުމުގެ ސަބަބުން ތާރީހީ ހާއްސަ ތަންތަނަށް ގެއްލުންވެ، އޭގެ ސަބަބުން ވެނިސްގެ އަސްލު ގެއްލެން މަގުފަހިވާ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ޓޫރިސްޓުން ތޮއްޖެހުމުގެ ސަބަބުން ތަފާތު އެކި ކަލަހަ ކުށްތައް އިތުރުވުމާއި އާންމު އިޖުތިމާއީ ދިރިއުޅުމަށް ބުރޫ އަރާކަން ވެސް ވެނިސް އިން ފާހަގަކުރެ އެވެ.

އެހެންވެ ޓޫރިސްޓުންގެ އަދަދު ކޮންޓްރޯލްކުރުމަކީ އަޅަން މަޖުބޫރު ފިވަޅެއް ކަމަށާއި އަންނަ އަހަރުގެ ޖޫން އިން ފެށިގެން އަލަށް ނިންމި އުސޫލު ތަންފީޒު ކުރަން ފަށާނެ ކަމަށް ޕެސްޗީ ވިދާޅުވި އެވެ. .
ވެނިސް އަކީ ޔޫރަޕްގެ ޓޫރިސްޓް މަންޒިލްތަކުގެ ތެރެއިން އެންމެ މަގުބޫލު އެއް ތަނެވެ. މިދިޔަ ސެޕްޓެމްބަރުން އެ ސިޓީން ވަނީ ދުވާލަކަށް ވެނިސް އަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަތުން 5 ޔޫރޯ ނުވަތަ 5.35 ޑޮލަރު ނަގަން ވެސް ނިންމައި، އޭގެ ޓްރަޔަލް ފަށައިފަ އެވެ.