ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ހަނގުރާމަ ހުއްޓައިލުމެއް ނެތް ކަމަށާއި މިކަން އަދިވެސް މަސްތަކަކަށް ދެމިގެން ހިނގައިދާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.
އަނިޔާވެރި ޔަހޫދީ ދައުލަތުގެ ވެރިޔާ އިއްޔެ ބުނީ ހަނގުރާމަ ހުއްޓައިލަން އަދި ގާތް ވެސް ނުވާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި އިޒްރޭލުން ފަހަތަށް ޖެހިއްޖެ ނަމަ އެއީ ހަމާސް އަށް ލިބޭނެ ކާމިޔާބީއަކަށް ވެދާނެ ކަމަށާއި އަމާޒަކަށްވެފައި އޮތީ ހަމާސް ނައްތާލައި ހަމަބިމަށް ތިރިކޮށް، ގާޒާ އެއްކޮށް އިޒްރޭލުގެ ކޮންޓްރޯލްގެ ދަށަށް ގެނައުން ކަމަށް ބުންޏެވެ.
"އެހެންވެ މި މަސައްކަތް އަދިވެސް މަސްތަކަކަށް ދެމިގެން ހިނގައި ދާނެ." ނަތަންޔާހޫ ވިދާޅުވި އެވެ.
އޭނަ ބުނި ގޮތުގައި މި ހަނގުރާމައިގައި އިޒްރޭލަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ އެމެރިކާގެ ސަޕޯޓެވެ. އެހެންވެ އެކަމަށްޓަކައި ރައީސް ޖޯ ބައިޑެން އޭނަގެ ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށް ނަތަންޔާހޫ ބުންޏެވެ.

އދ. އާއި ބައިނަލްއަގުމާވީ ދުނިޔެ އިޒްރޭލުގެ ލާއިންސާނީ ޖަރީމާ ހުއްޓާލަން ގޮވައިލަމުން ދިޔަ ނަމަވެސް މިއިން އެއްވެސް ކަމަކަށް އެ ގައުމުން ސަމާލު ކަމެއް ނުދެ އެވެ.
އޮކްޓޯބަރު މަހުގެ 7 އިން ފެށިގެން އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުގައި ފަލަސްތީނުގެ 21،500 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 54،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެ އެވެ. ޝަހީދުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.