Last Updated: July 23, 14:58
Thursday, July 23, 2026
މުނިފޫހިފިލުވުން

2023: ދިވެހި ސިނަމާ އަށް ތިޔާގި އަހަރެއް

ދެހާސް ތޭވީސް ނިމުމަކަށް އައި އިރު، މި އަހަރަކީ ދިވެހި ސިނަމާ އަށް ތިޔާގި އަހަރެކެވެ. ބެލުންތެރިން އުފާކޮށް ދިން އަހަރެކެވެ. ކޮވިޑާ ގުޅިގެން އޮލިމްޕަސް ސިނަމާ ފަޅުކަމުގައި އޮންނަތާ ތިން ވަރަކަށް އަހަރު ފަހުން، އެ ސިނަމާ އަށް އަލިކަން ވެރިކަންވެރި އިރު، މި އަހަރަކީ ރާއްޖޭގެ ނިސްބަތުން ފުދޭ ވަރަކަށް ފިލްމުތައް އައި އަހަރެވެ.

ޖުމްލަ 10 ފިލްމެއް މި އަހަރު ރިލީޒްކުރި އެވެ. އޭގެ ތެރެއިން 9 ފިލްމު އޮލިމްޕަހުގައި ދެއްކި އެވެ. ފާހަގަކޮށްލެވޭ ކަމަކީ މި އަހަރުގެ ފިލްމީ ކަލަންޑަރު ފެށީ ވެސް އަދި އަހަރު ނިންމައިލަނީ ވެސް ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމަކުންކަމެވެ. އޮލިމްޕަހުގައި މި އަހަރު އެޅުވި ފުރަތަމަ ފިލްމަކީ ފެބްރުއަރީ 6 ގައި ޕްރީމިއާކުރި "ބީވީމާ" އެވެ.

އަހަރު މިރޭ ނިންމައިލާ އިރު އޮލިމްޕަހުގައި މި ވަގުތު ދައްކަމުން އަންނަނީ މި މަހުގެ 4 ގައި ޑާކް ރެއިނުން ޕްރީމިއާކުރި "ނޮވެމްބާ" އެވެ. މި ފިލްމު ވަދާއީ ޝޯ އޮތީ އަންނަ މަހުގެ 5 ގަ އެވެ.

ފާހަގަކޮށްލެވޭ އަނެއް ކަމަކީ މި އަހަރު އެޅުވި ގިނަ ފިލްމުތައް މަހެއްހާ ދުވަސް ވަންދެން ޝޯތައް ދެއްކި ކަމެވެ.

މި ހިސާބުން މި އަހަރުގެ ފިލްމުތަކުގެ މަތިން ހަނދާން އާކޮށްލަމާ ހިނގާށެވެ.

* ބީވީމާ

ފެބްރުއަރީގައި 6 ޕްރީމިއާކުރި މި ފިލްމަކީ އާ ބަޔަކު ފިލްމީ ދާއިރާ އަށް ތައާރަފުކޮށްދިން އެއްޗެކެވެ. އެގޮތުން މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ ބަތަލާއެއްގެ ގޮތުގައި ނުކުތް ފިލްމަކީ "ބީވީމާ" އެެވެ.

މި ފިލްމަކީ ސްކްރީން ރައިޓަރު އަހުމަދު ޒަރީރުގެ ފުރަތަމަ ފީޗާ ފިލްމެވެ. "ބީވީމާ" ގެ ކާސްޓްގައި އައިމިނަތު ރަޝްފާ (އާޝާ)، އިސްމާއީ ރަޝީދު (ކޮޕީ އިއްސެ) އަދި އާ އެކްޓަރު އާދަމް ޒިދާން ހިމެނެ އެވެ.

* ހިނދުކޮޅެއް

މިއީ ޑާކް ރެއިން އެންޓަޓައިންމަޓުން މާޗްގައި ގެނެސްދިން ލޯބީގެ ފިލްމެކެވެ. އެކަމަކު ސިނަމާގެ ބަދަލުގައި "ހިނދުކޮޅެއް" ބެލުންތެރިންނަށް ދޫކޮށްލީ މީޑިއާނެޓް މެދުވެރިކޮށް ޑިޖިޓަލް ޕްރީމިއާއަކުންނެވެ.

މި ފިލްމަކީ ކާމިޔާބު އެތައް ފިލްމެއް ޑައިރެކްޓްކޮށްފައިވާ އަލީ ޝިފާއު (ޗިިއްޕެ) ގެ ފިލްމެކެވެ. "ހިނދުކޮޅެއް" ގެ ކާސްޓްގައި އާޝާ، ޝަރަފު އަބްދުﷲ، ރަފީ ފާރޫގް އަދި މަރިޔަމް މަޖިދާ (މަޖޫ) ހިމެނެ އެވެ.

* ވަނާޖުބޭސާ

އެޕްރީލް މަހުގެ 25 ގައި ގެނެސްދިން "ވަނާޖުބޭސާ" އަކީ ކޮމެޑީއެކެވެ. މިއީ ކެމެރާމަން ވިޝާލް ޒަކީ ޑައިރެކްޓްކުރި އެއްޗެކެވެ.

އާންމުންގެ ތެރޭގައި މާ މަޝްހޫރު ނޫން މޫނުތަކެއް ފެނިގެން ދިޔަ "ވަނާޖުބޭސާ" އިން އެންމެ ފާހަގަކޮށްލެވުނު މީހަކީ އާންމުންގެ ތެރޭގައި މަގުބޫލު ކޮމީޑިއަން ނަޒީރު ޝިހާމް (ކާއްޓޭ) އެވެ. މި އަހަރު އޮލިމްޕަހުގައި އެޅުވި ފިލްމުތަކުގެ ތެރެއިން އެންމެ މަދުން ޝޯތައް ދެއްކި ދެއްކި އެއް ފިލްމަކީ "ވަނާޖުބޭސާ" އެވެ.

* ލޯބިވެވިއްޖެ

މަޝްހޫރު އެކްޓަރު އަލީ ސީޒަން ބަތަލުގެ ރޯލު ކުޅެ، ޑައިރެކްޓްކުރި "ލޯބިވެވިއްޖެ" އަކީ އިރޮޓިކް ތުރިލާއެކެވެ. މެއި 3 ގައި ޕްރީމިއާކުރި މި ފިލްމުގެ ކާސްޓްގައި މަރިޔަމް އައްޒަ، އަހުމަދު އީސަ (އާނަންދު) އަދި އައިމިނަތު ރިޝްފާ ހިމެނެ އެވެ.

"ލޯބިވެވިއްޖެ" އަކީ ސީޒަން ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރެއިން ކްރިޓިކުންގެ ތައުރީފު ވަރަށް ބޮޑަށް ލިބުނު އެއްޗެކެވެ.

* ކައުޝި

ސްރީ ލަންކާ ކާސްޓެއް ފެނިގެންމް ދިޔަ "ކައުޝި" އަކީ ބިރުވެރި ފިލްމެކެވެ. މިއީ ސީޒަން ޑައިރެކްޓްކުރި އެއްޗެކެވެ.

@saturnstudio_mv DHIVEHI HORROR MOVIE “KAUSHI” RELEASING ON 19 JULY 2023 #Kaushi #Horrormovie #themovie #comingsoon #olympus #cinema #maldives #maldivesislands #malecitymaldives #distributors #rashudistributors #dhivehifilm #trending #dhivehitiktokmv ♬ original sound – Saturn Studio

ޖުލައި 19 ގައި "ކައުޝި" ބެލުންތެރިންނަށް ގެނެސްދިނީ އޭގެ މަސައްކަތް ނިމިފައި އޮންނަތާ ގާތްގަނޑަކަށް ހައެއްކަ އަހަރު ފަހުންނެވެ. މި ފިލްމުގެ ޕްރީމިއާ އަށް ފިލްމުގެ ލީޑް ތަރިން ރާއްޖެ ވެސް އަ އެވެ.

* ނީނާ

"ނީނާ" އަކީ ރާއްޖޭގައި މިހާރު އެންމެ ފާހަގަކޮށްލެވޭ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ އިލްޔާސް ވަހީދު (އިއްލެ) ގެ ދެވަނަ ފީޗާ ފިލްމެވެ. އޮގަސްޓް 5 ގައި ޕްރީމިއާކުރި މި ފިލްމަކީ ކްރައިމް ތުރިލާއެކެވެ.

"ނީނާ" ގެ ކާސްޓްގައި ނުޒުހަތު ޝުއައިބް (ނުޒޫ)، ޝަރަފު، މަރިޔަމް ރަޝީދާ، މަރިޔަމް ޝަކީލާ، ނަތާޝާ ޖަލީކު އަދި ހަމްދޫން ފާރޫގް ހިމެނެ އެވެ. މި ފިލްމަކީ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ފިލްމެކެވެ.

* ޖޯކަރު

ސެޕްޓެމްބަރު 5 ގައި ޕްރީމިއާކުރި "ޖޯކަރް" އަކީ މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކުރި އެއްޗެކެވެ.

މި ކޮމެޑީގެ ކާސްޓްގައި އަހުމަދު ނިމާލު، ޝީލާ، ނަޖީބު، އަހުމަދު ސައީދު، އަލީ އާޒިމް (ދޮން އައްޔަ) ،ނާޝިދާ މުހައްމަދު (ނާއްކޮ)، އިބްރާހީމް ރަޝީދު (ބްރޯ)، ހަމްދާން ފާރޫގް، އަހުމަދު ރިފްޝާން، ޝަހީދާ އަހުމަދު، މޫސާ އަލީފާއި އީމަން އަދި ނަސްވީ ހިމެނެ އެވެ.

* ކަޅަކި

ކުރީގެ ބަތަލާ ނިއުމާ މުހައްމަދު ޕްރޮޑިއުސްކުރި "ކަޅަކި" އަކީ ވެސް ބިރުވެރި ފިލްމެކެވެ. އޮކްޓޯބަރު 5 ގައި އެޅުވި ފިލްމަކީ ޔޫއްޕެގެ ޑައިރެކްޝަނެވެ.

ސްރީ ލަންކާގައި ޝޫޓްކޮށްފައި އޮތް "ކަޅަކި" ގެ ކާސްޓްގައި ޔޫއްޕެ، ވާޝިޔާ މުހައްމަދު، ރިޝްފާ، ސީޒަން މުހައްމަދު މަނިކު އަދި ލަހުފާ ހިމެނެ އެވެ.

* ފްރީ ޑެލިވަރަކީ

"ފްރީ ޑެލިވަރަކީ އިއްލެ މި އަހަރު ގެނެސްދިން ދެވަނަ ފިލްމެވެ. ނޮވެމްބަރު 4 ގައި ޕްރީމިއާކުރި މި ފިލްމަކީ ބްލެކް ކޮމެޑީއެކެވެ.

މީގެ މައިގަނޑު ކާސްޓުންނަކީ ފީޗާ ފިލްމެއްގެ ލީޑުން އަންނަ ފެންނާނެ ފަންނާނުން ކަމަށްވާ ތާތި އާދަމާއި ރައުފަތު ސާދިގުގެ އިތުރުން އައިޝާ އަލީ އެވެ.

* ނޮވެމްބާ

މި މަހުގެ 4 ގައި އެޅުވި "ނޮވެމްބާ" އަކީ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ.

މި ފިލްމަކީ ޗިއްޕެ އާއި ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) އަންހެނުން އައިޝަތު ފުއާދު ތައުފީގު ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ.

މާލެ އާއި ސިންގަޕޫރާއި އައްޑު އާއި. ލ. އަތޮޅާއި ދ. އަތޮޅުގެ އިތުރުން ލ. އަތޮޅުގެ ރަށްތަކެއްގައި މަންޒަރުތައް ނަގާފައިވާ ފިލްމުގެ ލީޑް ރޯލު ކުޅެފައި ވަނީ މި ފަހުން މަގުބޫލުވި ސްކްރީން ޖޯޑު މަޖޫ އާއި ޖުމައްޔިލް ނިމާލު (ޖުމަލް) އެވެ.

"ނޮވެމްބާ" ގެ ރޯލެއް ކުރީގެ ބަތަލު އިސްމާއީލް ވަޖީހު ވެސް ކުޅެފައިވެ އެވެ.