Last Updated: July 17, 17:40
Friday, July 17, 2026
ދުނިޔެ

އާ އަހަރުގެ އުފާ ނަތަންޔާހޫ ނިގުޅައިގެންފި

އާ އަހަރުގެ އުފާ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނިގުޅައިގެންފައިވާ ކަމަށް ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އާ އަހަރުގެ އުފާ ނަތަންޔާހޫ ނިގުޅައިގަތުމަށްފަހު ފަލަސްތީނު ރައްޔިތުންގެ ދިރިއުޅުން ނެތިކޮށްލައި އެމީހުންގެ އަމިއްލަ ވަޒަން ގަބުރުސްތާނަކަށް ހަދާފައިވާ ކަމަށެވެ. އާ އަހަރުގެ އުފަލުގެ ބަދަލުގައި ފަލަސްތީނު ރައްޔިތުންނަށް މިއަދު އިހުސާސް ކުރެވެނީ އެކަނިވެރިކަމުގެ އިހުސާސް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި ވަނީ އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ހުއްޓުވުމުގައި ފެއިލްވެފައިވާތީ ބައިނަލްއަގުވާމީ މުޖުތަމައު ލަދުގަންނަންޖެހޭ ކަމަށްވެސް ބުނެފަ އެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާދީ ހަނގުރާމަ އިއުލާންކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އެވެ. އޭގެ ފަހުން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 21،672 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ. އަދި ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދާ މީހުންގެ މެދުގައި ނުރައްކާތެރި ބަލިތައް ފެތުރެމުންދާ މިންވަރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް އދ. އިން ބުނެ އެވެ.

ހަނގުރާމަ އަށް 85 ދުވަސް ވެފައިވާއިރު އިޒްރޭލުން އަންނަނީ ހަނގުރާމަ ހުއްޓާލާނީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތް ނެތިކޮށްލުމަށްފަހު ބުނެފަ އެވެ. ހަމާސްގެ ބެލުމުގެ ދަށުގައި މިވަގުތު އިޒްރޭލުން 100 އަށް ވުރެ ގިނަ މީހުން ތިބިއިރު އެ ޖަމާއަތުން ވަނީ އެމީހުން ދޫކޮށްލާނީ އިޒްރޭލުން ހަމަލާތައް އެއްކޮށް ހުއްޓާލުމަށް އެއްބަސްވުމުން ކަމަށް ބުނެފަ އެވެ.