އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމް އަތުން 2-1 އިން އާސެނަލް ބަލިވެއްޖެ އެވެ.
މިއީ ލީގުގައި ޖެހިޖެހިގެން އާސެނަލް ބަލިވި ދެވަނަ މެޗު ކަމަށްވާއިރު އެޓީމު މިހާރު އޮތީ ލީގުގެ ހަތަރުވަނައިގަ އެވެ.
ލީގުގެ އެއްވަނައިގައި ލިވަޕޫލް އޮތީ 19 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެެ. ދެވަނައިގައި އޮތް އެސްޓަން ވިލާ އަށް 20 މެޗުން 42 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ސިޓީ އަށް ވަނީ 19 މެޗުން 40 ޕޮއިންޓް ލިބިފަ އެވެ. އާސެނަލް ހަތަރެއްގައި އޮތީ 20 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ.
ފުލަމްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފަސްވަނަ މިނެޓްގައި ބުކާޔޯ ސަކާ ވަނީ އާސެނަލަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް މެޗުގެ 29 ވަނަ މިނެޓްގައި ރައުލް ހިމިނޭޒް ވަނީ ފުލަމް އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ހިމިނޭޒް މި ގޯލު ކާމިޔާބުކުރީ އާސެނަލްގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް އެއް ފަހަރުން ގޯލަށް ފޮނުވާލައިގެންނެވެ.
ފުލަމް އިން މި މެޗުގައި ލީޑުނެގީ މެޗުގެ 59 ވަނަ މިނެޓްގައި ކާމިޔާބު ކުރި ގޯލަކުންނެވެ. އާސެނަލް އޭރިއާތެެރެއިން ލިބުނު ފުރުސަތެއްގައި ފުލަމްގެ މި ގޯލު ޖެހީ ބޮބީ ޑީކޯޑޯވާ ރީޑް އެވެ.
އާސެނަލަށް އެއްވަރުކޮށްދޭން ބުކާޔޯ ސަކާ އަށް ރަނގަޅު ފުރުސަތެއް ލިބުނުއިރު ފުލަމްގެ ލީޑު ފުޅާކޮށްދޭން އަންދްރޭސް ޕެރޭރާ އަށް އަށް ލިބުނު ހިލޭޖެހުން އަމާޒުވީ އާސެނަލްގެ ގޯލުގެ ހުރަސްދަނޑިއަށެވެ.
ލީގުގައި ރޭ ޓޮޓެންހަމް އިން ވަނީ އަމިއްލަ ދަނޑުގައި 3-1 އިން ބޯންމައުތު ބަލިކޮށްފަ އެެވެ. މި މޮޅާއެކު ޓޮޓެންހަމް އޮތީ 20 މެޗުން 39 ޕޮއިންޓާ އެކު ލީގުގެ ލީގުގެ ފަސް ވަނައިގަ އެވެ.