Last Updated: July 23, 13:59
Thursday, July 23, 2026
މުނިފޫހިފިލުވުން

މި އަހަރު ދިވެހި ކޮން ފިލްމުތަކެއް؟

އާ އަހަރެއް ފެށުނީ އެވެ. މި އަހަރު ކިތައް ދިވެހި ފިލްމު ފެންނާނެ ބާވަ އެވެ؟ އަދި މި އަހަރަށް ހުރީ ކޮންކޮން ފިލްމުތަކެއް ބާއްވަ އެވެ؟ މި އަހަރު ބެލުންތެރިންނާ ހަމައަށް ކިތައް ފިލްމު އަންނާނެކަން ކަށަވަރު ނުވިޔަސް، މި އަހަރު ބެލުންތެރިންނަށް ގެނެސްދޭނެކަން ކަށަވަރުވާ ފިލްމުތަކެއް އެބަހުއްޓެވެ.

އެގޮތުން މިހާރު ވެސް ތިން ފިލްމެއްގެ ތާރީހު އިއުލާންކޮށްފައިވާ އިރު، ފުރަތަމަ ފިލްމު އަންނަ ހޮނިހިރު ދުވަހުގެ ރޭ ޕްރީމިއާކުރާނެ އެވެ.

* މީ އިޝްގް

މި މަހުގެ 6 އޮލިމްޕަހުގައި ޕްރީމިއާކުރަން ތައްޔާރުވަމުން އަންނަ "މީ އިޝްގު" އަކީ މި އަހަރުގެ ފުރަތަމަ ފިލްމެވެ.

އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭނެ މި ފިލްމަކީ އަލަށް ފީޗާ ފިލްމެއް ގެނެސްދޭ ޒުވާން ޑައިރެކްޓަރު އަޒްހާން އިބްރާހީމެވެ. އޭނަގެ އަމިއްލަ ސްކްރީންޕްލޭއަކަށް ހަދާފައިވާ "މީ އިޝްގް" ގެ ތަރިންނަކީ އައިމިނަތު ރަޝްފާ (އާޝާ) އާއި ޝަރަފު އަބްދުﷲ އެވެ.

ކުރިން "ދަރަކަ" އާއި "މިރާއީ" ވެބް ސީރީޒް ގެނެސްދިން އަޒްހާންގެ އަލަތު ފީޗާ ފިލްމަކީ ދިވެހި ފިލްމު ސްޓޫޑިއޯގެ އުފެއްދުމެކެވެ.

* ކަންބަޅި

ފެބްރުއަރީ 6 އަށް ތާވަލުކޮށްފައިވާ "ކަންބަޅި" އަކީ ބިރުވެރި ފިލްމެވެ. މިއީ މިހާރު ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ސްޓޫޑިއޯތަކުގެ ތެރޭގައި ހިމެނޭ އައި ފިލްމްސްގެ އުފެއްދުމެކެވެ. މިދިޔަ އަހަރު "ނީނާ" އާއި "ފްރީ ޑެލިވަރީ" ގެނެސްދިން ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ގެ ސްކްރީންޕްލޭއަކަށް "ކަންބަޅި" ޑައިރެކްޓްކޮށްފައި ވަނީ އޭނަ އާއި އެކްޓަރު އިފްނާޒް ފިރާގެވެ.

"ކަންބަޅި" ގެ ކާސްޓްގައި ނުޒުހަތު ޝުއައިބް (ނުޒޫ)، ރަވީ ފާރޫގް، ވާޝިޔާ މުހައްމަދު، އިފްނާޒް އަދި އޭނަގެ އަންހެނުން ތާތިގެ އިތުރުން ޝަރަފު ހިމެނެ އެވެ.

* ލަސްވިޔަސް…

ޔަގީނުން ވެސް މި އަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާނެ ފިލްމަކީ މުހައްމަދު ނިޔާޒް (ޓެޑްރީ) ގެ ލަސްވިޔަސް އެވެ. މިއީ އޭނަގެ ފުރަތަމަ ފީޗާ ފިލްމު 1994 ގެ "ދެރިޔާ" އަށް ފަހު، ބެލުންތެރިންނަށް ގެނެސްދޭ ފުރަތަމަ ފިލްމެވެ.

ޓެޑްރީގެ ޕްރޮޑަކްޝަން ހައުސް، އިޓާނަލް ޕިކްޗާސް އިން ގެނެސްދޭން ހަމަޖެހިފައިވާ "ލަސްވިޔަސް" ބެލުންތެރިންނަށް ގެނެސްދޭނީ ރޯދައިގެ ފަހުން އެޕްރީލް 12 ގަ އެވެ. މި ފިލްމަކީ ކެންސަރާ ހަނގުރާމަކުރާ ކުޑައަންހެން ކުއްޖެއްގެ ވަށައިގެން އެނބުރޭ ވާހަކައެއް ކިޔައިދޭނެ އެއްޗެކެވެ.

"ލަސްވިޔަސް…" ގެ އެންމެ މުހިއްމު ރޯލެއް ކުޅެފައި ވަނީ ކުރީގެ ބަތަލާ ނއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަނެވެ. މީގެ އިތުރު ކާސްޓުންގެ ތެރޭގައި އަހުމަދު އީސަ އާނަންދު އަދި ވާޝިޔާ ހިމެނެ އެވެ.

* ފުރޭތަ

މިއީ ޑާކް ރެއިން އެންޓަޓައިންމަންޓުން މި އަހަރު ގެނެސްދޭން ހަމަޖެހިފައިވާ ރިވެންޖް ތުރިލާއެކެވެ.

ރިލީޒްކުރާނެ ތާރީހެއް އިއުލާން ނުކުރާ "ފުރޭތަ" އަލީ ޝިފާއު (ޗިއްޕެ) ގެ ޑައިރެޝަނެކެވެ. އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ މި ފިލްމުގެ ކާސްޓްގައި ޝަރަފު، ރަވީ، މުހައްމަދު މަނިކު، އަހުމަދު ސައީދު، މުހައްމަދު ރިފްޝާން، އައިމިނަތު އަސީލާ އަހުމަދު ނީލް، އާދަމް ރިޒްވީ އަދި އަލީ ނަދީހު ހިމެނެ އެވެ.

* ބަޅިނދު

"ބަޅިނދު" އަކީ ޑާކް ރެއިނުން 2019 ގައި މަސައްކަތް ފެށި ފިލްމެކެވެ. އެކަމަކު އެކިއެކި ސަބަބުތަކާ ހެދި ފިލްމުގެ މަސައްކަތް ދިގުލައިގެން ގޮސްފައި އޮތަސް، މި ފިލްމު މި އަހަރު ބެލުންތެރިންނަށް ގެނެސްދޭނެ އެވެ. "ބަޅިނދު" އަކީ ޒުވާން ސްކްރީން ރައިޓަރު ހޫދު އިބްރާހީމްގެ ސްކްރީންޕްލޭއަކަށް އަހުމަދު ޝިނާން ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ.

ޝިނާން އަކީ "ގޮށްރާޅު" ގެ އިތުރުން "4426" ގެ އެއް ޑައިރެކްޓަރެވެ.

ބެލުންތެރިންނަށް ދައްކައިލާނެ ތާތީހެއް އަދި ނުނިންމާ "ބަޅިނދު" ގެ ކާސްޓްގައި ޝަރަފު، އާޝާ. އަލީ އާޒިމް (ދޮންއައްޔަ)، އިސްމާއީލް ޖުމައިހް (ޖުމާ)، މަރިޔަމް މަޖުދާ (މަޖޫ) އަދި ނުޒޫ ހިމެނެ އެވެ.

* ބިބީ

ދާދި ފަހުން ޝޫޓިން ފެށި "ބިބީ" އަކީ ޑާކް ރެއިންގެ ހޮރޯ-ކޮމެޑީއެކެވެ. މީގެ ޑައިރެކްޓަރަކީ އަލަށް ޑައިރެކްޝަނަށް ނުކުތް ޝަހުދާ މަހުމޫދެވެ.

ބެލުންތެރިންނަށް ދޫކޮށްލާނެ ތާރީހެއް އަދި ފައިނަލް ނުކުރާ "ބިބީ" ގެ ކާސްޓްގައި ޝަރަފު، މަޖޫ، ޝީލާ ނަޖީބާއި ކޮމީޑިއަން ހުސައިން ސާދު (މަޓޭ) ހިމެނެ އެވެ.

މި ހަ ފިލްމުގެ އިތުރުން އިތުރު ފިލްމުތަކެއް މި އަހަރުގެ ފިލްމީ ކަލަންޑަރަށް އިތުރުވުމުގެ ފުރުސަތު ވެސް ބޮޑެވެ.

މިދިޔަ އަހަރު ޖުމްލަ 10 ފިލްމެއް ރިލީޒްކުރި އެވެ.