Last Updated: July 17, 17:40
Friday, July 17, 2026
ދުނިޔެ

ޑެންމާކްގެ ރާނީ ތަހުތު ދޫކޮށްލައްވަނީ

ޑެންމާކްގެ ރާނީ މަގަރީތާ ދޭއް ތަހުތު ދޫކޮށްލައްވަން ނިންމަވައިފި އެވެ.

ތަހުތުހުގައި ރެދަލިކުރެއްވިތާ 52 އަހަރު ފަހުން އެކަމަނާ ތަހުތު ދޫކޮށްލައްވަން ނިންމެވިކަން އިއުލާންކުރެއްވީ އާ އަހަރު ފެށުމާ ދިމާކޮށް ދެއްވި ލައިވް ޓީވީ ހިތާބެއްގަ އެވެ. އޭގައި އުމުރުފުޅުން 83 އަހަރުގެ ރާނީ ވިދާޅުވީ އެ ކަމަނާ ރަސްމީކޮށް ތަހުތު ދޫކޮށްލަން ނިންމަވާފައި ވަނީ މި މަހުގެ 14 ގައި ކަމަށެވެ.

"ދެން ތަހުތު ހަވާލުކުރަން ބޭނުން ވަނީ ދަރިކަލުން ފްރެޑްރިކްއާ." މަގަރީތާ ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވި ގޮތުގައި ތަހުތު ދޫކޮށްލައްވަން ނިންމެވި މައިގަނޑު ސަބަބަކީ ރަސްމީ ޒިންމާތަކަށް މި ވަގުތު ސިއްހީ ހާލަތު އެހާ ބޮޑަށް ތަންނުދޭތީ އެވެ. މިދިޔަ އަހަރު މަގަރީތާ ބުރަކަށިފުޅުގެ އޮޕަރޭޝަނެއް ވެސް ކުރައްވާފައިވެ އެވެ.

އެކަމަނާ ތަހުތަށް ރެދަލިކުރެއްވީ ބައްޕާފުޅު ރަސްގެފާނު ފްރެޑްރިކް ނުވައެއް 1972 ގައި އަހަވާރަވުމާ ގުޅިގެންނެވެ. މަގަރީތާ އަކީ މިހާރު ޔޫރަޕްގެ އެންމެ ދުވަސްވީ ރާނީ އެވެ.

ރާނީ ތަހުތު ދޫކޮށްލައްވަން ނިންމެވިކަން އިއުލާން ކުރެއްވުމާ ގުޅިގެން ޑެންމާކްގެ ބޮޑުވަޒީރު މެޓް ފްރެޑެރިކްސެން އެކަމަނާ ގައުމަށް ކޮށްދެއްވި ހިދުމަތްތަކަށްޓަކައި ޝުކުރު އަދާކުރައްވައިފަ އެވެ.