Last Updated: July 23, 13:59
Thursday, July 23, 2026
މުނިފޫހިފިލުވުން

ރަކުލްގެ ކައިވެނި ފެބްރުއަރީ 22 ގައި

އިންޑިއާގެ މަޝްހޫރު ޒުވާން ބަތަލާ ރަކުލް ޕްރީތު ސިންގް އާއި ލޯބިވެރިޔާ ޖެކީ ބަގްނާނީ އަންނަ މަހު ކައިވެނި ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އެ ދެ މީހުން ކައިވެނި ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 22 ގައި ކަމަށެވެ. އަދި ވަރަށް ކުލަގަދަކޮށް ކައިވެނީގެ ހަފުލާ ބާއްވާނީ ގޯއާގައި ކަމަށް މީޑިއާތަކުން ބުންޏެވެ. ރަކުލް، 33، އާއި ޖެކީ، 39، ރައްޓެހިވެގެން އުޅޭކަން އިއުލާންކުރީ 2021 ގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

އެކި ފަހަރު މަތިން އެ މީހުން ރާއްޖެ އަށް ވެސް ޒިޔާރަތްކޮށްފައިވެ އެވެ.

ރަކުލް އަކީ ބޮލީވުޑްގެ ފިލްމުތަކުގެ އިތުރުން އިންޑިއާގެ ދެކުނުގެ ފިލްމުތަކުގައި ވެސް މަސައްކަތްކުރާ ބަތަލާއެކެވެ. އޭނަގެ އެންމެ ފާހަގަކޮށްލެވޭ ހިންދީ ފިލްމުތަކުގެ ތެރޭގައި "ދޭ ދޭ ޕިޔާރު ދޭ"، "ރަންވޭ 34"، "ޑޮކްޓަ ޖީ" އަދި "ޗަތުރީވާލީ" ހިމެނެ އެވެ.

ޖެކީ އަކީ މަޝްހޫރު ފިލްމު ޕްރޮޑިއުސަރު ވާޝޫ ބަގްނާނީ ދަރިއެކެވެ. އާއިލީ ފިލްމު ކުންފުނި، ޕޫޖާ އެންޓަޓައިންމަންޓް ހިންގުމުގައި މިހާރު އެންމެ އިސްކޮށް އުޅެނީ ޖެކީ އެވެ. އޭނަ ޕްރޮޑިއުސަރެއްގެ ޒިންމާތައް ނަގަމުން އަންނަ އިރު، އިންޑަސްޓްރީ އަށް ފުރަތަމަ ނުކުތީ އެކްޓަރެއްގެ ގޮތުގަ އެވެ. ޖެކީގެ ފުރަތަމަ ފިލްމަކީ 2009 ގެ "ކަލް ކިސްނޭ ދޭކާ" އެވެ.

އެކްޓަރެއްގެ ގޮތުގައި މާ ބޮޑު ކުރިއެރުމެއް ލިބޭ ގޮތް ނުވުމުން ޖެކީ ވަނީ އެކްޓްކުރުމާ ދުރުވެފަ އެވެ. އޭނަ އެންމެ ފަހުން ފެނިފައި ވަނީ 2018 ގެ ތަމަޅަ ފިލްމު "މޯހިނީ" ގެ ރޯލަކުންނެވެ. ޖެކީ ކުޅުނު ފިލްމުތަކުގެ ތެރެއިން ކިރިޔާ ވެސް ފާހަގަކޮށްލެވޭ ފިލްމަކީ 2011 ގެ "ފާލްތޫ" އެވެ.