Last Updated: July 23, 13:59
Thursday, July 23, 2026
މުނިފޫހިފިލުވުން

ފުރަތަމަ އެޕިސޯޑަކީ "ބައިސްކަލް"

ޑާކް ރެއިން އެންޓަޓައިންމަންޓްގެ އެންތޮލޮޖީ ކްރޮނިކަލްސްގެ ދެވަނަ ސީޒަން "ލަވް" ގެ ފުރަތަމަ އެޕިސޯޑް "ބައިސްކަލް" މިރޭ ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

މި ސީރީޒް ސްޓްރީމް ކުރަނީ ބައިސްކޯފުންނެވެ.

އަލީ ޝިފާއު ޗި(އްޕެ) ޑައިރެކްޓްކޮށްފައިވާ މި އެޕިސޯޑްގެ ތަރިންގެ ތެރޭގައި ތަޖުރިބާކާރު މަޝްހޫރު ދެ ތަރިން ކަމަށްވާ ޝީލާ ނަޖީބާއި އަހުމަދު ސައީދުގެ އިތުރުން ތަންކޮޅެއް އާ މޫނުތަކެއް ކަމަށްވާ ސާމީ ހުސައިންދީދީ އާއި އައިޝަތު ރަޒާން ރާމިޒު ހިމެނެ އެވެ.

"ޑާކް ރެއިން ކްރޮނިކަލްސް: ސީޒަން 2-ލަވް" އަކީ 8 އެޕިސޯޑްގެ އެއްޗެކެވެ. މި ސީޒަންގެ ކޮންމެ އެޕިސޯޑަކުން ލޯބީގެ ތަފާތު ރަހަތަކެއް ގެނެސްދޭނެ އެވެ. ސީރީޒްގެ އެޕިސޯޑްތައް ޑައިރެކްޓްކޮށްފައި ވަނީ ޗިއްޕެގެ އިތުރުން އަލަށް ޑައިރެކްޝަނަށް ނުކުތް ޝަހުދާ މަހުމޫދެވެ.

މި ސީޒަންގެ ކާސްޓުންގެ ތެރޭގައި ރަވީ ފާރޫގް، މަރިޔަމް މަޖުދާ (މަޖޫ)، ޝަރަފު އަބްދުﷲ، ނުޒުހަތު ޝުއައިބް ނުޒޫ)، މުހައްމަދު ފައިސަލް، އަހުމަދު އީސަ (އާނަންދު)، އަހުމަދު ސައީދު، ރޯނު ހަސަން މަނިކު، އިބްރާހީމް ޝާކިރު ޝާއްކޮ (އައްމަޑޭ)، އަބްދުﷲ ޝާފިއު (ފުބޫ)، އަހުމަދު ޝާރިފް، ފާތުމަތު ޝަރާ، ޝުހާ، މަލީހާ ވަހީދު، މުހައްމަދު ވިޝާލް (ރޯމަން) އަދި އައިޝަތު ޔާދާ ފަދަ ތަރިން ހިމެނެ އެވެ.

މި ފަހަރުގެ ސެގްމަންޓްތަކަކީ "ބައިސްކަލް" ގެ އިތުރުން "ލެމަން ކޭކް"، "ލަފުޒު"، "ދޭ ހަނދާން"، "ދުރުވާން ޖެހުނަސް"، "ޑިޖާވޫ"، "ދެމާ" އަދި "މީ ލޯބި" ހިމެނެ އެވެ.

ބައިސްކޯފަށް ޑާކް ރެއިނުން މިދިޔަ އަހަރު "ކްރޮނިކަލްސް" ގެ ފުރަތަމަ ސީޒަން ގެނެސްދިނީ ރިވެންޖް ތުރިލާއެއްގެ ގޮތުގަ އެވެ. އެއީ ހަ ސެގްމަންޓްގެ އެއްޗެކެވެ. އޭގެ ސެގްމަންޓްތަކަކީ "އައްސަލާމް އަކައިކުމް"، "ފުރޭތަ"، "ރަންކޮޅާ"، "ސަޕްރައިޒް"، "ޕާޓީ" އަދި "ނޮސްޓަލްޖިއާ" އެވެ.