Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

ނައީޝް ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް

އައްޑޫ ސިޓީ މަރަދޫއިން މަސް ހިފަން ނިކުމެ އުޅެނިކޮށް ގެއްލުނު ޒުވާނާ އަދިވެސް ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން މޫދަށް އެރި އުޅެނިކޮށް ގެއްލިފައިވަނީ މުހައްމަދު ނައީޝް ނަސްރު އެވެ. އޭނާ ގެއްލުނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ.

އެމްއެންޑީއެފުން ބުނީ ނައީޝް ހޯދަން މިހާތަނަށް ކުރި މަސައްކަތުގެ ތެރެއިން ވައިގެ މަގުން 9916 ސްކޮޔާ ނޯޓިކަލް މޭލު ބަލާފައިވާ އިރު، ކަނޑު މަގުން 2386 ސްކޮޔާ ނޯޓިކަލް މޭލު ބަލާފައިވެ އެވެ. އަދި ޑައިވްކޮށްގެން 1026 ސްކޮޔާ ނޯޓިކަލް މޭލު ބަލާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ނައީޝް ހޯދުމުގެ މަސައްކަތް ހުއްޓާ ނުލާ އަދިވެސް ކުރިއަށްދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

އުމުރުން 18 އަހަރުގެ ނައީޝް އަކީ އައްޑޫ ހައި ސްކޫލްގެ ގްރޭޑް 12 ގައި ކިޔަވަމުން އައި ދަރިވަރެކެވެ.