ދެ ދަރިޔަކު މަރާލައި ތިން ވަނަ ދަރިފުޅު ވެސް މަރާލަން އުޅުނު މައްސަލައެއްގައި އިނގިރޭސިވިލާތުން އަންހެނަކު ހައްޔަރުކޮށްފި އެވެ.
ހައްޔަކުރި މީހާ އަކީ އެމެރިކާގެ ކޮލަރާޑޯ އަށް ނިސްބަތްވާ ކިމްބަލީ ސިންގްލާ އެވެ. އޭނަ އިނގިރޭސިވިލާތުން މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކުރީ ދަރިންތަކެއް މަރައިލުމަށް ފަހު ފިލައިގެން އުޅެނިކޮށެވެ. އެކަމާ ގުޅިގެން ސިންގާ ހޯދަން އިއުލާން ވެސް ކުރި އެވެ. ނަމަވެސް އޭނަ ހައްޔަރުކުރި ގޮތާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.
ސިންގްލާ ވަނީ އޭނަގެ 9 އަހަރުގެ ފިރިހެން ދަރިފުޅާއި 7 އަހަރުގެ އަންހެން ދަރިފުޅު މަރައިލުމަށް ފަހު 11 އަހަރުގެ އަންހެން ދަރިފުޅު ވެސް މަރައިލަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެ ކުއްޖާ ސަލާމަތްވެ، ހޮސްޕިޓަލްގައި ފަރުވާ ދީފައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި ދަރިންތަކެއް މަރާލިކަން އެނގުނީ ސިންގްލާގެ ގެއަށް ވަގުންތަކެއް ވަދެގެން އުޅޭ ކަމަށް ބުނެ މިދިޔަ މަހުގެ 19 ގައި އިމަޖެންސީ ނަމްބަރަށް ގުޅައި ދިން މައުލޫމާތަކާ ގުޅިގެން އެޓެންޑްވުމުންނެވެ.
މި ހާދިސާއާ ގުޅިގެން ކޮލަރާޑޯ ސްޕްރިންގްސް ޕޮލިސް ޑިޕާޓްމަންޓްގެ ޕަބްލިކް އިންފޮމޭޝަން އޮފިސަރު އިރާ ކްރޮނިން ވިދާޅުވީ ސިންގްލާ ދަރިންތަކެއް މަރައިލި މައްސަލަ ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެކަމަކު އޭނަ ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ވިދާޅުވި އެވެ.