Last Updated: July 17, 17:40
Friday, July 17, 2026
ދުނިޔެ

ގާޒާގައި ތިބި އިޒްރޭލުގެ ބައެއް ސިފައިން ގެންދަނީ

ފަލަސްތީނުގެ ގާޒާގައި ތިބި އިޒްރޭލުގެ ބައެއް ސިފައިން އަނބުރާ ގެންދަން ނިންމައިފި އެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ ގާޒާގައި ތިބި އިޒްރޭލުގެ 1،000 އަށް ވުރެ ގިނަ ސިފައިން އަނބުރާ ގެންދަނީ އިތުރު ތަމްރީނުތަކަށާއި އަރާމު ކުރަން ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. ސިފައިން އަނބުރާ ގެންދިޔަ ނަމަވެސް ފަލަސްތީނާ ދެކޮޅަށް ހިންގާ ހަނގުރާމަ އަށް ބަދަލެއް ނާންނާނެ ކަމަށާއި މި ހަނގުރާމަ އަކީ ދިގު މުއްދަތަކަށް ދެމިގެންދާނެ ހަނގުރާމައެއް ކަމަށްވާއިރު އެކަމަށް ފުރިހަމަ އަށް ތައްޔާރަށް އޮތް ކަމަށް އިޒްރޭލު އަސްކަރިއްޔާ އިން ބުނެ އެވެ.

މިއީ ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހަނގުރާމަ ކުރަން ފެށި ފަހުން މިހާ ގިނަ އަދަދެއްގެ ސިފައިން އަނބުރާ ގެންދިޔަ ފުރަތަމަ ފަހަރެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާދީ ހަނގުރާމަ އިއުލާންކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އެވެ. އޭގެ ފަހުން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 21،672 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މި ހަނގުރާމައިގައި އިޒްރޭލު ސިފައިންގެ 170 މީހަކު ވަނީ މަރުވެފަ އެވެ.

ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ. އަދި ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދާ މީހުންގެ މެދުގައި ނުރައްކާތެރި ބަލިތައް ފެތުރެމުންދާ މިންވަރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް އދ. އިން ބުނެ އެވެ.

ހަނގުރާމަ އަށް 85 ދުވަސް ވެފައިވާއިރު އިޒްރޭލުން އަންނަނީ ހަނގުރާމަ ހުއްޓާލާނީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތް ނެތިކޮށްލުމަށްފަހު ބުނެފަ އެވެ. ހަމާސްގެ ބެލުމުގެ ދަށުގައި މިވަގުތު އިޒްރޭލުން 100 އަށް ވުރެ ގިނަ މީހުން ތިބިއިރު އެ ޖަމާއަތުން ވަނީ އެމީހުން ދޫކޮށްލާނީ އިޒްރޭލުން ހަމަލާތައް އެއްކޮށް ހުއްޓާލުމަށް އެއްބަސްވުމުން ކަމަށް ބުނެފަ އެވެ.