Last Updated: July 14, 13:49
Tuesday, July 14, 2026
ކުޅިވަރު

ލިވަޕޫލް އެއްވަނައިގައި 3 ޕޮއިންޓްގެ ލީޑެއް

ނިއުކާސަލް ޔުނައިޓެޑް 4-2 އިން ބަލިކުރުމަށްފަހު އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި ލިވަޕޫލުން ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ލީގުގެ އެއްވަނައިގައި ލިވަޕޫލް އޮތީ 20 މެޗުން ލިބުނު 45 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 45 ޕޮއިންޓާ އެކު އެސްޓަންވިލާ އޮތްއިރު 19 މެޗުން ލިބުނު 40 ޕޮއިންޓާ އެކު އޮތީ މެންޗެސްޓާ ސިޓީ އެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި ލީޑު ނަގަން ލިވަޕޫލަށް ރަނގަޅު ދެ ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. އެގޮތުން މެޗުގެ ކުރީކޮޅު ލިވަޕޫލްގެ މުހައްމަދު ސަލާހު ފޮނުވާލި ޕެނަލްޓީ ނިއުކާސަލްގެ ކީޕަރު މާޓިން ޑުބްރަވްކާ ދިފާއުކުރިއިރު ޑާވިން ނުނޭޒް ހުހަށް ހުރެ ފޮނުވާލި ހަމަލާ ވެސް ދިފާއުކުރީ ޑުބްރަވްކާ އެވެ.

މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު ނުނޭޒް ދިން ޕާހަކުން މެޗުގެ 49 ވަނަ މިނެޓްގައި ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ސަލާހު އެވެ. ނަމަވެސް މެޗުގެ 54 ވަނަ މިނެޓްގައި ނިއުކާސަލުން އުފެއްދި ކައުންޓަ އެޓޭކެއްގައި އެލެގްޒެންޑާ އިސާކް ނަތީޖާ އެއްވަރުކޮށްދިން އިރު ލިވަޕޫލުން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 74 ވަނަ މިނެޓްގައި ކާޓިސް ޖޯންސް ކާމިޔާބު ކުރި ގޯލުންނެވެ. އަދި އޭގެ ހަތަރު މިނެޓް ފަހުން ކޯޑީ ގަކްޕޯ ލިވަޕޫލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިން އިރު މެޗުގެ 81 ވަނަ މިނެޓްގައި ސްވެން ބޮޓްމަން ވަނީ ނިއުކާސަލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފަ އެވެ.

މި މެޗުން ލިވަޕޫލަށް ތިން ޕޮއިންޓު ކަށަވަރުކޮށްދިން ގޯލު މެޗުގެ 86 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ސަލާހު އެވެ. މި ޕެނަލްޓީ ލިވަޕޫލަށް ލިބުނީ ޑިއޯގޯ ޖޯޓާ އަށް ނިއުކާސަލްގެ ކީޕަރު ކުރި ފައުލަކާ ގުޅިގެންނެވެ.

ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ ބޯންމަތްއާ އެވެ. ނިއުކާސަލް ނިކުންނާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.