އިއްޔެ ޖަޕާނަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު 20 އަށް އަރައިފި އެެވެ.
އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން މިއަދު ބުނީ ރިކްޓަމިންގަނޑުން 7.5 ބާރުމިނުގައި މެދުތެރޭ އިޝިކާވާ އަށް އައި ބިންހެލުމުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވުން އެކަށީގެންވާ ކަމަށެވެ. ބިންހެލުމާ ގުޅިގެން ސުނާމީ ވެސް އަރާފައިވާ އިރު، ބިންހެލުމުގައި ލޮޅުންތަކުގައި ގިނަ އަދަދެއްގެ އިމާރާތްތައް ވެސް ވެއްޓި، މަގުތައް ވެސް ކަނޑައިގެން ގޮސް ބޮޑެތި ގެއްލުންތަކެއްވެފައިވެ އެވެ.
ބިންހެލުމާ ގުޅިގެން ލިބުނު ގެއްލުންތަކުގައި އިޝިކާވާގެ 45،700 ގޭބިސީއަކުން ވަނީ ކަރަންޓްގެ ހިދުމަތް ވެސް ކެނޑިފަ އެވެ.
މި ހާދިސާގައި ލިބުނު ގެއްލުނުންތައް ކަމާބެހޭ އިދާރާކުން މިހާރު ވަޒަންކުރަމުން އަންނަ އިރު، ޑިފެންސް މިނިސްޓްރީން ވަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތަކަށް އެހީވުމުގެ ގޮތުން 1،000 ސިފައިން ވެސް ނެރެފަ އެވެ.
އޭޝިއާގެ އެންމެ ކުރިއަރާފައިވާ އަދި ޓެކްނޮލޮޖީގެ ގޮތުން ވަރަށް ފާހަގަކޮށްލެވޭ ޖަޕާނަށް މާޗް 11، 2011 ވަނަ އަހަރު ވެސް ވަރުގަދަ ބިންހެލުމެއް އައިސް ސުނާމީ އަރައި 20،000 އެއްހާ މީހުން މަރުވެފައިވެ އެވެ.