ސާދަ އަހަރު ފަހުން ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމެއް ޝާހްރުކް ޚާން ކުޅެން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވ.
ޒޫމް ޓީވީން ބުނީ މި ޕްރޮޖެކްޓަށް މިހާރު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އަހަރު ދެބައިވުމުގެ ކުރިން ފިލްމު އިއުލާން ކުރުމުގެ ފުރުސަތު ވެސް ބޮޑު ކަމަށެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ ޝާހްރުކްގެ ކެރިއަރުގެ އެންމެ ކާމިޔާބު ބައެއް ފިލްމުތަކަކީ ދަރުމާގެ ފިލްމުތައްކަމެވެ. މީގެ ތެރެއިން ގިނަ ފިލްމުތައް ޑައިރެކްޓްކުރީ ވެސް ސީދާ ކަރަން އެވެ.
ޝާހްރުކް ހިމަނައިގެން ކަރަން ޑައިރެކްޓްކުރި އެންމެ ކާމިޔާބު ފިލްމުތަކަކީ 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" އާއި 2001 ގެ "ކަބީ ހުޝީ ކަބީ ޢަމް" އެވެ. އަދި ކަރަން ޕްރޮޑިއުސްކުރި 2003 ގެ "ކަލް ހޯ ނަ ހޯ" އަކީ ވެސް އެހާމެ ކާމިޔާބު ފިލްމެކެވެ.
ޝާހްރުކާ އެކީ ކަރަން ޑައިރެކްޓްކުރި ފިލްމުތަމުގެ ތެރޭގައި 2005 ގެ "ކަބީ އަލްވިދާ ނާ ކެހެނާ" ގެ އިތުރުން 2010 ގެ "މައި ނޭމް އިޒް ޚާން" ވެސް ހިމެނެ އެވެ. އަދި ކަރަން 2016 ގައި ރަންބީރް ކަޕޫރާއި އަނުޝްކާ ޝަރުމާ އާއި ފަވާދު ޚާންގެ އިތުރުން އައިޝްވާރިއާ ރާއީ އެކީ ގެނެސްދިން "އޭ ދިލް ހެ މުޝްކިލް" ގެ ހާއްސަ ފެނިލުމެއް ޝާހްރުކް ކުޅުނެވެ.
މިދިޔަ އަހަރުގެ ވަރުގަދަ ތިން ހިޓް ކަމަށްވާ "ޕަތާން" އާއި "ޖަވާން" ގެ އިތުރުން "ޑަންކީ" ގެނެސްދިން 58 އަހަރުގެ އެކްޓަރު ދެން ކުޅެން އޮތީ "ދަ ކިންގް" ކިޔާ ފިލްމެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިއީ ޝާހްރުކްގެ ރެޑް ޗިލީސް އެންޓަޓައިންމަންޓާއި "ޕަތާން" ގެ ޑައިރެކްޓަރު ސިދާންތު އާނަންދުގެ މާފްލިކްސް ޕިކްޗާސް ގުޅިގެން ހަދަން ނިންމާފައިވާ އެކްޝަން ތުރިލާއެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސުޖޯއި ގޯޝް ޑައިރެކްޓްކުރާ ފިލްމުގައި ޝާހްރުކާ އެކީ ދަރިފުޅު ސުހާނާ ޚާން ވެސް ހިމެނޭނެ އެވެ.
ކަރަންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރަންވީރު ސިންގް އާއި އާލިއާ ބަޓާ އެކީ ގެނެސްދިން "ރޮކީ އޯރް ރާނީ ކީ ޕްރޭން ކަހާނީ" އެވެ. އޭނަ ދެން ހަދަން ނިންމާފައި އޮތީ އެކްޝަން ފިލްމެކެވެ. އެކަމަކު ފިލްމު އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.
ޝާހްރުކް ލައްވައި ދަރުމާ އަށް ފިލްމެއް ކުޅުވަން ކަރަން މަޝްވަރާ ކުރަމުން އަންނަ އިރު 25 އަހަރު ފަހުން ސަލްމާން ޚާން ވެސް ވަނީ އެ ސްޓޫޑިއޯގެ ފިލްމަކަށް ސޮއިކޮށްފަ އެވެ. އެއީ "ދަ ބުލް" އެވެ.