Last Updated: May 17, 10:21
Friday, May 17, 2024
ޚަބަރު

މުއިއްޒު ވެރިކަމުގައި ހުރުމަކީ ނިއުމަތެއް: ޝަހީމް

ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމުގައި ހުރުމަކީ ލިބުނު ނިއުމަތެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޒަކާތުގެ ކަންކަން ޒަމާނާއި އެއްގޮތަށް ޝަރީޢަތުގެ އަލީގައި ކުރިއަށް ގެންދިއުމަށް ޤާއިމް ކުރި ޒަކާތު ހައުސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަހީމް ވަނީ ރާއްޖޭގައި ޒަކާތު ހައުސް އުފެއްދެވިކަމަށްޓަކައި ރައީސް މުއިއްޒުއަށް ޝުކުރު އަދާކުރައްވާފައެވެ.

ޒަކާތު ހައުސް އުފެދިގެންދަނީ ވަރަށްވެސް މަތިވެރި އަޒުމެއްގައިކަން ފާހަގަ ކުރައްވާ މިނިސްޓަރު ޝަހީމް ވިދާޅުވީ އެގޮތުން ރާއްޖޭގައި މީހުން ޒަކާތަށް ހޭލުންތެރިކުރުވާ ޒަކާތާ ބެހޭގޮތުން އިލްމީ ދިރާސާކުރުމާއި، ޒަކާތުގެ ހުކުމްތައް ރާއްޖޭގައި ނެގެހެއްޓުމަށްޓަކައި ޒަކާތު ހައުސް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު އިތުރަށް ވަރުގަދަ ކުރަން ޖެހިފައިއޮތް ވަގުތެއްގައި ކަމަށެވެ.

"މިއީ މާތްﷲ ދިވެހި އުންމަތަށް، ދިވެހި ޤައުމަށް ދަރުމަކުރެއްވި ވަރަށް މަތިވެރި ނިއުމަތެއް މި ވަގުތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ޒައާމަތުގައި ހުންނެވުމަކީ. މި ހާލަތަކީ މިއީ، ކޮންމެ އުންމަތަކަށްވެސް 100 އަހަރުން އެއް ފަހަރު އަންނަ ފުރުސަތެއް، ޤައުމީ ފޭރާމާ ޤައުމީ ޝަޚުސިއްޔަތު އަލުން އިއާދަކުރުމުގެ ފުރުސަތަކީ މިއީ." މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީގެ ދަށުން ޤާއިމް ކުރެވޭ ޒަކާތު ހައުސް އަކީ، ރައީސް ޑރ. މުއިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ އިސްލާމީ ޝަރީޢަތުގެ އަލީގައި، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ޤާއިމްކުރެވޭ ޒަކާތާއި ޞަދަޤާތުގެ ޢަދުލުވެރި އަދި ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން، ޒަކާތްނެގުމާއި އޭގެ ބެހެނިވެރިންނަށް ފޯރުކޮށްދިނުމަށް ޤާއިމް ކުރެވޭ ތަނެކެވެ. މީގެ އިތުރުން ޒަކާތު ހައުސްގެ ތެރެއިން ފުދުންތެރި މުޖުތަމަޢެއް ބީނާކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.