Last Updated: May 17, 07:03
Friday, May 17, 2024
ޚަބަރު

އިންޑިއާ ސިފައިން ބޭލުމަށް ކުރިއެރުން އެބަ ލިބޭ

ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމުގެ މަސައްކަތުގައި ކުރިއެރުން ލިބެމުން އަންނަ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގެ ނިންމުންތައް ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ މައްސަލައަކީ ދިވެހިން ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި އިންޑިއާ ސިފައިން ބޭރުކުރުމަކީ ރައީސް މުއިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ވަރަށްވެސް މުހިންމު ސިޔާސަތެއް ކަމަށް ވިދާޅުވިއެވެ.

މި މައްސަލައިގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން އެކި މަރުހަލާތަކުގައި އެކި މަޝްވަރާތައް ފެށި ސަރުކާރުގެ އެކި ލެވެލްތަކުގައި 10 ބައްދަލުވުމެއް މިހާތަނަށް ބޭއްވިފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ކުރިއަށްވެސް މުހިންމު ބައްދަލުވުންތަކެއް ތާވަލުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

"މިކަމުގައި ކުރިއެރުން ލިބެމުންދާކަން ކެބިނެޓުގައި ވަނީ ފާހަގަކުރައްވާފައި" ނާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން ނާޒިމް ވިދާޅުވީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އެންމެފަހުން ހާމަކުރި މައުލޫމާތު ދައްކާގޮތުން 88 އިންޑިއާ ސިފައިންގެ މީހުން ތިބިކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ނާޒިމް ވިދާޅުވީ އިންޑިއާ ސިފައިން ތިބި އަދަދަށްވުރެއް މުހިންމީ ތިބި ސިފައިން ފޮނުވާލުމުގެ ކަންކަން ކުރުން ކަމަށެވެ.