Last Updated: May 17, 07:03
Friday, May 17, 2024
ޚަބަރު

ކަނޑު ހޯދުމުގެ ދިރާސާ އަށް ބޭރުގެ ދެ އެކްސްޕާޓުން

ރާއްޖޭގެ ދެކުނުން ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި ރިޕޯޓެއް ތައްޔާރުކުރުމަށް ބޭރުގެ ދެ އެކްސްޕާޓެއްގެ އެހީތެރިކަން ހޯދުމަށް ނިންމައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގެ ނިންމުންތައް ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ ކަނޑުގެ ސަރަހައްދުން ގެއްލުނުބައި ހޯދުމަށް ކުރަމުން އަންނަ މަސައްކަތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް މައްސަލަ ހުށަހެޅުމުގެ ކުރިން ކުރަންޖެހޭ ދިރާސާ ކުރުމަށް ބޭރުގެ ދެ ތަޖުރިބާކާރަކާ މަސައްކަތް ހަވާލު ކޮށްފައިވާ ކަމަށެވެ.

މި މަސައްކަތް ހަވާލުކުރި ބޭރުގެ ދެ އެކްސްޕާޓުންނަކީ އިނގިރޭސިވިލާތުގެ ކިންގްސް ކައުންސިލަކާއި މޯލްޓާގެ ލޯ އޮފް ދަ ސީގެ ޕްރޮފެސަރެކެވެ.

ނާޒިމް ވިދާޅުވީ މީގެތެރެއިން މޯލްޓާގެ ލޯ އޮފް ދަ ސީގެ ޕްރޮފެސަރުގެ ރިޕޯޓް މި މަހު މެދުތެރޭގައި ކެބިނެޓަށް ހުށަހަޅުއްވާނެ ކަމަށާއި ޔޫކޭގެ ރިޕޯޓް އަންނަ މަހު ކެބިނެޓަށް ލިބޭނެ ކަމަށެވެ. އަދި އެކްސްޕާޓޫންގެ ރިޕޯޓުގެ އަލީގައި ތައްޔާރުކުރާ ފައިނަލް ރިޕޯޓް ފެބްރުއަރީގެ ފަހު ކޮޅު ކެބިނެޓަށް ހުށަހެޅޭނެ ކަމަށެވެ.

ކަނޑުގެ މައްސަލަ ދިރާސާކުރުމަށް ހާއްސަ ކޮމިޓީއެއްވެސް ވަނީ ނަގާފައެވެ. އެކޮމިޓީގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ ކުރީގެ ބަންޑާރަ ނާއިބު އަލްއުސްތާޛު މުޙައްމަދު އަނިލް އާއި މިނިސްޓްރ އޮފް ޑިފެންސްގެ ފަރާތުން އައްޔަނުކުރައްވާފައިވާ ކާނަލް އަޙުމަދު މުޖުތަބާ އާއި މިނިސްޓްރ އޮފް ފޮރިން އެފެއާރޒްގެ ފަރާތުން އައްޔަނު ކުރައްވާފައިވާ ސެކްރެޓަރީ، މަލްޓިލެޓެރަލް އަޙްމަދު ޝިއާންއެވެ.