Last Updated: July 23, 13:59
Thursday, July 23, 2026
މުނިފޫހިފިލުވުން

ރަންބީރާ އެކީ ފިލްމެއް ކުޅެން ވަރަށް ބޭނުން

ބޮލީވުޑްގެ މަޝްހޫރު ތަރި ރަންބީރް ކަޕޫރާ އެކީ މަސައްކަތްކޮށްލަން ވަރަށް ބޭނުންވާ ކަމަށް ބަތަލާ ޝެހެނާޒް ގިލް (ސަނާ) ބުނެފި އެވެ.

ކަލާސް ޓީވީގެ ރިއަލިޓީ ޝޯ، "ބިގް ބޮސް" ސީޒަން 13 އިން އާންމުންގެ ސަމާލުކަން ހޯދި ބަތަލާ ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގްއި ބުނީ ބޮލީވުޑްގެ އެންމެ މަޝްހޫރު ހުރިހާ އެކްޓަރުންނާ އެކީ ވެސް މަސައްކަތްކުރަން ބޭނުންވާ ކަމަށެވެ. އެކަމަކު އޭގެ ތެރެއިން ވެސް އެންމެ ހާއްސަ މީހަކީ ރަންބީރް ކަމަށް ބުންޏެވެ.

"ވަރަށް ބޭނުން އޭނައާ އެކީ މަސައްކަތްކޮށްލަން." މިދިޔަ އަހަރު ރިލީޒްކުރި ސަލްމާން ޚާންގެ "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" ގެ ރޯލަކުން ބޮލީވުޑް ދަތުރު ފެށި ބަތަލާ ބުންޏެވެ.

ސަނާ، 29، ބުނީ މަޝްހޫރު ބަތަލާ އާލިއާ ބަޓްގެ ފިރިމީހާ ރަންބީރަކީ އަބަދު ވެސް ވަރަށް ބޮޑު ފެވަރިޓެއް ކަމަށާއި އޭނަގެ މަސައްކަތްތައް ވަރަށް ކަމުދާ ކަމަށެވެ. އެހެންވެ ކައިރި މުސްތަގުބަލެއްގައި ރަންބީރާ އެކީ މަސައްކަތްކުރަން ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ބުންޏެވެ.

ސަނާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އޮކްޓޯބަރު މަހު ގެނެސްދިން ޗިކް-ފްލިކް "ތޭންކް ޔޫ ފޯ ކަމިން" އިންނެވެ. ބޮލީވުޑަށް ނުކުތުމުގެ ކުރިން އޭނަ ޕަންޖާބީ ފިލްމުތަކެއް ވެސް ކުޅެފައިވެ އެވެ. މީހުންނާ ވަރަށް ގުޅޭ ސަކަ މިޒާޖެއްގެ ސަނާ އަކީ ލަވަކިޔުންތެރިއެއް އަދި ހޯސްޓެއް ވެސް މެ އެވެ.