ފޯނަކާއި މޯޑަމެއް ވަގަށް ނެގި ހިތަދޫ މީހަކު އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ސ. ހިތަދޫ ޝެމީމަންޒިލް، ނިޝާޒް މުހައްމަދު ދީދީ ޖަލަށްލުމަށް ހުކުމްކުރީ 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ގ. ހާފްސީގޭގެ ކޮޓަރިއަކުން މޯބައިލް ފޯނަކާއި 3ޖީ އައިޑީއާ މޮޑަމެއް ވަގަށް ނެގި މައްސަލައިގަ އެވެ.
އެތަކެތި ވަގަށް ނަގާފައިވާކަން ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށް ހުކުމްގައިވެ އެވެ.
ކޯޓުން އިއްވި ހުކުމްގައި ބުނެފައިވަނީ މިއީ އޭނާގެ މައްޗަށް ވައްކަންކުރުމުގެ ކުށެއް ޝަރީއަތަށް ސާބިތުވި ފުރަތަމަ ފަހަރު ކަމަށްވާތީ ކުށުގެ އުގޫބާތެއްގެ ގޮތުން ގާނޫނުލް އުގޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން ހަ މަސް ދުވަހަށް ޖަލަށްލުމަށް ހުކުމް ކުރާ ކަމަށެވެ.
އޭނާ ވައްކަންކޮށްފައި ވަނީ މީހުން ދިރިއުޅޭ ތަނަކުން ކަމަށްވާތީ، ގާނޫނުލް އުގޫބާތުގެ 138 ވަނަ މާއްދާގެ ދަށުން ހަ މަސް ދުވަހަށް އެކު ޖުމްލަ އެއް އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފަ އެވެ.