Last Updated: July 17, 15:06
Friday, July 17, 2026
ދުނިޔެ

އިޒްރޭލުގެ ކިބައިން ބަދަލު ހިފާނަން: ހިޒްބުﷲ

ހިޒްބުﷲގެ ވެރިޔާ ހަސަން ނަސްރުﷲ

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ އިސް ލީޑަރެއް ޝަހީދުކޮށްލުމުގެ ބަދަލު އިޒްރޭލުގެ ކިބައިން ހިފާނެ ކަމަށް ހަމާސްގެ ގާތް ބައިވެރިއެއް ކަމަށްވާ ލުބްނާންގެ ހިޒްބުﷲ ޖަމާއަތުން ބުނެފި އެވެ.

އިޒްރޭލުން ހަމާސް ޖަމާއަތުގެ ޑެޕިއުޓީ ލީޑަރު ސަލާހު އަލް އަރޫރީ ޝަހީދުކޮށްލާފައިވަނީ ލުބްނާންގެ ވެރިރަށް ބެއިރޫތްގެ ސަރަހައްދަކަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގަ އެވެ. މި ހަމަލާގައި ހަމާސްގެ އަސްކަރީ ގޮފި، އިއްޒުއްދީނުލް ގައްސާމް ބްރިގޭޑުގެ ހަތަރު ލީޑަރަކާއި އިތުރު ހަތަރު މީހަކު ވެސް ވަނީ ޝަހީދުކޮށްލާފަ އެވެ.

ހިޒްބުﷲ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުން ދިން މި ހަމަލާ އަށް ރައްދު ނުދީ ނުވަތަ އިޒްރޭލަށް އަދަބު ނުދީ ނުތިބޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށާއި މި ހަމަލާ އަކީ ލުބްނާނުގެ ސަލާމަތާއި ސިޔާދަތުގެ އިތުރުން އެގައުމުގެ ރައްޔިތުންނަށް ދެވުނު ނުރައްކާތެރި ހަމަލާއެއް ކަމަށެވެ. އަދި އިޒްރޭލުން އެހެން ގައުމުތަކުގައި ތިބި ހަމާސް މެމްބަރުންނަށް އަމާޒުކޮށް ހަމަލާތައް ދޭން ފެށީ ލާއިންސާނީ ޖަރީމާތައް ހިންގައިގެން ވެސް ފަލަސްތީނުގެ ގާޒާއިން ކުރިއެރުމެއް ނުލިބުމުން ކަމަށްވެސް ބުނެފަ އެވެ.

ހިޒްބުﷲ އިން ވަނީ މިފަދަ ހަމަލާތަކުން އިޒްރޭލާއި ދެކޮޅަށް ހަމާސް ޖަމާއަތުން ކުރާ މަސައްކަތް އިތުރަށް ވެގެންދާނީ ވަރުގަދަ ކަމަށްވެސް ބުނެފަ އެވެ.

ލުބްނާނަށް ދިން މި ހަމަލާއާ ގުޅޭގޮތުން އިޒްރޭލުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.