އެންމެ ދުވަސްވީ ކުކުޅު އުމުރުން 21 އަހަރުވެއްޖެ އެވެ.
ގިނިސް ވޯލްޑް ރެކޯޑުން ބުނީ އެމެރިކާގެ މިޝިގަން އަށް ނިސްބަތްވާ މާސީ ޑާވިން ކިޔާ މީހަކު ދަރިޔަކު ފަދައިން ގެންގުޅެމުން އައި "ޕީނަޓް" ކިޔާ ކުކުޅު މަރުވީ މިދިޔަ މަހުގެ 24 ގައި ކަމަށެވެ. އަދި މިކަމާ ގުޅިގެން މާސީ އަށް ފުންހިތާމައެއް ލިބިފައިވާ ކަމަށް ބުންޏެވެ.
"ޕީނަޓް" ގެ ވަކިވެދިއުމާ ބެހޭ ގޮތުން މާސީ އޭނަގެ ބްލޮގްގައި ބުނެފައި ވަނީ "ހިތްހަލާކުވެއްޖެ" ކަމަށާއި "ގެއްލިގެން ދިޔައީ އާއިލާ ވަރަށް ހާއްސަ މެންބަރެއް" ކަމަށެވެ. ޕީނަޓް މަރުވި އިރު، އުމުރަކީ 21 އަހަރާއި 238 ދުވަހެވެ.
"ކްރިމަސް ދުވަހާ އެކީ ޕީނަޓް ވަކިވެގެން ދިޔައިމަ ހިތް ކުދިކުދިވެއްޖެ،" މާސީ ބުންޏެވެ. "ވަކިވެ އެ ދިޔައީ އަހަންނާ އެކީ އެކާވީސް އަހަރު ވަންދެން އުޅުނު ކުކުޅެއް އެކަންޏެއް ނޫން. ގެއްލިގެން އެ ދިޔައީ ހަޔާތުގެ ވަރަށް ހާއްސަ އުފާވެރި ހަނދާންތަކެއް."
"ޕީނަޓް" އަކީ މިހާތަނަށް ވަރަށް ގިނަ "ދަރިން" ވެސް މާސީ އަށް ދީފައިވާ ކުކުޅެކެވެ. އެގޮތުން އޭގެ ފަރާތުން ކުކުޅުގެ ބޮޑު އާއިލާއެއް ބިނާވި އެވެ. "ޕީނަޓް" ގެ ދަރިންގެ ތެރެއިން އެންމެ ގިނނަ ދުވަހު އުޅުނީ 15 އަހަރު ވަންދެން އުޅުނު 15 އަހަރުގެ މިލީ އެވެ. އޭތި ވަނީ މިދިޔަ އަހަރުގެ ހެލޮވީންގައި އޮކްޓޯބަރު މަހުގެ ތެރޭގައި މަރުވެފަ އެވެ. އޭގެ އިތުރުން "ޕީނަޓް" އާ އެންމެ ގާތް އުޅުނު އެކުވެރި، ކުޅުކު މިލީ އޭގެ ހަފުތާއެއް ދުވަސް ފަހުން މަރުވި އިރު، "ޕީނަޓް" ގެ ވަރަށް އެކުވެރި، ހާލެއް ކަމަށްވާ ބެނީ ވެސް ވަނީ ވަކިވެގެން ގޮސްފަ އެވެ.
އެހެންވެ މާސީ ބުނީ "ޕީނަޓް" މަރުވެގެން ދިޔައީ އެ ހިތާމައިގައި ކަމަށް ގަބޫލުކުރާ ކަމަށެވެ.