Last Updated: July 23, 13:59
Thursday, July 23, 2026
މުނިފޫހިފިލުވުން

ސެލީނާ މިއުޒިކުން ރިޓަޔަކުރަނީ!

މިއުޒިކުން ރިޓަޔާކޮށްފާނެކަމުގެ އިޝާރާތެއް އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒް ދީފި އެވެ.

މިހާތަނަށް މަގުބޫލު އެތައް ލަވައެއް ގެނެސްދީފައިވާ 31 އަހަރުގެ ފަންނާނު "ސްމާޓްލެސް" ޕޮޑްކާސްޓަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނަ ދެން އޭނަގެ ފަރާތުން އަންނަން އޮތީ ވަދާއީ އަލްބަމަށް ވެދާނެ ކަމަށެވެ. އަދި މިއުޒިކަށް ވުރެ ބޮޑަށް މިހާރު އިސްކަން ދޭން ބޭނުން ވަނީ އެކްޓިން އަށް ކަމަށް ބުންޏެވެ.

"ހީވަނީ ދެން އަހަރެން ގެނެސްދޭނީ އެންމެ އަލްބަމެއްހެން." އެންމެ ފަހުގެ އަލްބަމް "ރެެއާ" 2020 ގައި ގެނެސްދިން ސެލީނާ ބުންޏެވެ.

އޭނަ ބުނީ ދެން ބޭނުން ވަނީ މިއުޒިކް އެއްފަރާތަށް ޖައްސާލައި އެކްޓިން ކެރިއަރަށް ފޯކަސްކުރަން ކަމަށެވެ އުމުރުން އެންމެ 9 އަހަރުގައި އެކްޓިން އަށް ނުކުތް ސެލީނާ ބުނި ގޮތުގައި އަބަދު ވެސް އެކްޓިން އަކީ އެންމެ ލޯބިކުރާ ކަންތަކެވެ.

"އެކަމަކު ކަންދިމާކުރި ގޮތުން އެކްޓިން އަށް ވުރެ ބޮޑަށް މިއުޒިކް ދާއިރާ އިން ކުރިއަށް ދެވުނީ. އަސްލު އަހަރެން ބޭނުންވި ގޮތެއް ނޫން ފުލްޓަމައިމް ލަވަކިޔުންތެރިއަކަށްވުމަކީ. މިއުޒިކް އޮތީ ކުރިން ހަގީގަތުގައި ހޮބީއެއްގެ ގޮތުގައި." މިއުޒިކީ ދާއިރާ އިން ގިނަ އެވޯޑްތަކެއް ވެސް ހޯދާފައިވާ ލަވަކިޔުންތެރިޔާ ބުންޏެވެ.

ސެލީނާ ބުނީ އުމުރުން ދުވަސްވަމުންދާތީ ދެން ބޭނުން ވަނީ އެއް ކަމަކަށް ހުސްވެގެން ހުންނަން ކަމަށެވެ. އެހެންވެ ހޮވުމަކީ އެކްޓިން ކަމަށް ބުންޏެވެ. ސެލީނާ މިހާތަނަށް ވަރަށް ގިނަ ފިލްމުތަކާއި ޓީވީ އުފެއްދުންތަކުގައި މަސައްކަތްކޮށްފައިވެ އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މަޝްހޫރު ޑައިރެކްޓަރު ވުޑީ އެލެންގެ 2019 ގެ "އަ ރެއިނީ ޑޭ އިން ނިއު ޔޯކް" އެވެ. ސެލީނާގެ ކުރިއަށް ފިލްމަކީ "އެމީލިއާ ޕެރޭޒް" ކިޔާ މިއުޒިކަލް ކްރައިމް ކޮމެޑީއެކެވެ.