ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާ މި އަހަރު ވެބް ސީރީޒެއް ހަދައި ގެނެސްދޭން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނީ މިދިޔަ އަހަރު "އޫޗާއީ" ގެނެސްދިން ޑައިރެކްޓަރު ހަދަން ނިންމާފައިވާ ވެބް ސީރީޒްގެ ނަމަކީ "ބަޅާ ނާމް ކަރޭގާ" ކަމަށާއި މިއީ ސޮނީ ޓީވީގެ ސްޓްރީމިން ޕްލެޓްފޯމް ސޮނީ ލިވް އަށް ހަދާ އެއްޗެއް ކަމަށެވެ. މި ސީރީޒާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ނެތް ނަމަވެސް މި އަހަރުގެ ނޮވެމްބަރު ހިސާބުގައި އެ ޕްރީމިއާކުރަން އަމާޒު ހިފާފައިވާ ކަމަށް ހަންގާމާ އިން ބުންޏެވެ.
ސޫރަޖަކީ އާއިލީ ލޯބީގެ ފިލްމުތައް ގެނެސްދީގެން އާންމުންގެ ލޯބި ހޯދި ޑައިރެކްޓަރެކެވެ. އޭނަގެ އެންމެ ފުރަތަމަ ފިލްމަކީ ސަލްމާން ޚާން ސުޕަސްޓާރަކަށް ހަދައިދިން 1989 ގެ "މޭނޭ ޕިޔާރު ކިޔާ" އެވެ. އޭގެ ފަހުން އޭނަ ގެނެސްދިން "ހަމް އާޕް ކޭ ހޭ..ކޯން (1994)، ހަމް ސާތު ސާތު ހޭ (1999)، މޭ ޕްރޭމް ކީ ދީވާނީ ހޫ (2003)، ވިވާ (2006) އަދި ޕްރޭމް ރަތަން ދަން ޕާޔޯ (2015) އަކީ ވެސް ވަރަށް ކާމިޔާބު ފިލްމުތަކެވެ.
ސޫރަޖްގެ އާއިލީ ފިލްމު ކުންފުނި، ރާޖްޝްރީ ޕްރޮޑަކްޝަންގެ އެންމެ ފަހުގެ ފިލްމަކީ ދަރިފުޅު އަވްނީޝް ބަރްޖަތިއާގެ އަލަތު ޑައިރެކްޝަންގެ ގިތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ގެނެސްދިން "ދޯނޯ" އެވެ. މިއީ ސަނީ ޑިއޯލްގެ ހަގި ދަރިފުޅު ރަޖްވީރް ޑީއޯލް އާއި ކުރީގެ ބަތަލާ ޕޫނަމް ދިލަންގެ އަންހެން ދަރިފުޅު، ޕަލޯމާ ތަކޭރިއާ ދިލަން ތައާރަފުވި ފިލްމެވެ.
ސޫރަޖް ބުނެފައިވާ ގޮތުގައި އޭނަގެ ޑާލިން، ސަލްމާނާ އެކީ މި އަހަރު އާ ފިލްމެއްގެ މަސައްކަތް ވެސް ފަށާނެ އެވެ.